އަހަރެން އޭނާ ދެކެ ލޯބިވީ އޭނާ އަހަރެންދެކެ ލޯބިވާކަމަށްބުނެ ފަހަތުން ހިނގާތާ އެތައް ދުވަހެއް ފަހުންނެވެ. އެއިރު ދެމީހުންނަކީވެސް ވަރަށް އާދައިގެ ވަޒީފާއެއް އަދާކުރަމުން އަންނަ ދެމުވައްޒިފުންނެވެ. ކައިވެނިކޮށް ދެމީހުންގެ ބުރަމަސައްކަތުން ތަނަވަސް ދިރިއުޅުމެއް އުޅެވެން ފެށުމާއިއެކު ފިރިމީހާ ލޯބިވެރިއަކު ހޯދައިފިއެވެ.
އެކަން އެނގުނީވެސް އަހަރެން އޮތީ ނިދާފައިކަމަށް ހީކޮށް ދެމީހުން ފޯނުން ދެއްކި ވާހަކައިންނެވެ. ވީމާ ޔަޤީންކުރަން އިތުރަށް ކުރަންޖެހޭ ކަމެއް ނެތުމުން އަހަރެން ނިންމީ އެހިސާބުން ވަކިވާށެވެ.
އަނެއް ދުވަހު އޮފީހަށް ދިއުމުގެ ބަދަލުގައި ތައްޔާރުވީ ގެއިން ނުކުންނާށެވެ. ނުކުންނަމުން ބުނީމެވެ. "ފުދިއްޖެއެވެ. އަހަރެން އެދެނީ ތިބާއަށް އުފާވެރިކަމެވެ. އުފާވެރި ދިރިއުޅުމެކެވެ. އަހަރެންނާއިމެދު ނުވިސްނާށެވެ. އަވަހަށް ވަރިކޮށްލައިދޭށެވެ. ލޯބިވެރިޔާއާއިއެކު އުފަލުގައި އުޅެން މަސައްކަތްކުރާށެވެ."
އެހެން ބުނެފައި ޖަވާބަކަށްވެސް އިންތިޒާރުނުކޮށް ނުކުމެގެން ދިއައީއެވެ. 3 ދުވަސްފަހުން ވަރިކުރިއެވެ. ވަރިކުރުމުން ޝުކުރުއަދާކުރީމެވެ. ނުރުހުމުގެ ބަހެއްވެސް ނުބުނަމެވެ. ޝުކުރުއަދާކުރީ އަހަރެން އެދުނު ގޮތަށް ކަންތައްކޮށްދިނީތީއެވެ.
އަހަރުވަންދެން އެކަނި ހުރީމެވެ. އަހަރުވީފަހުން ބައްދަލުވި މީހަކާ ދެވަނަ ކައިވެނިކުރީމެވެ. ދިރިއުޅުމަކަށް އަލުން ފަށައިގަތީމެވެ. ދެމީހުން އެކުގައި ކުރަން ފެށި މަސައްކަތް ކުރިއަރައިދިއައެވެ. ތަނަވަސްކަން ލިބުނެވެ. އުފަލުގައި ދިރިއުޅެވެން ފެށިއެވެ.
3 އަހަރުފަހުން ފިރިމީހާއާއިއެކު ޝޮޕިންގ މޯލަކުން ނުކުތްތަނުން ކުރީގެ ފިރިމީހާ ފެނުނެވެ. ލައިގެންހުރި ހެދުން ފެނުމުން ވަރަށް ދެރަވިއެވެ. ހިކިފައިހުރިވަރު ފެނުމުން އިތުރަށް ދެރަވިއެވެ. އެހެންވެ ދެމީހުން އެކުގައި ގޮސް ޙާލު އަހައިލުމުން ކިޔައިދިނެވެ. ހޯދި ލޯބިވެރިޔާ އޭނާއަށް ބޭހެއް ކާންދީ މަސްތުކުރުވާފައި ލިޔުންތަކެއްގައި ސޮއިކުރުވައިގެން އަނބިމީހާ ގެއާއި އެކައުންޓުގައިހުރި ފައިސާ އަތުލުމަށްފަހު މަގުމަތިކޮށްލީއެވެ. އެޙާލުގައި އުޅެންޖެހުމުން ވަޒީފާއަށް ނުދެވޭތީ ވަޒީފާވެސް ގެއްލުނީއެވެ.
ފިރިމީހާ އޭނާއަށް ފައިސާކޮޅެއް ދިނެވެ. ވަޒީފާއެއްވެސް ހޯދައިދިނެވެ. ދެންވެސް ވިސްނައިގެން އުޅެން ނަބީޙަތްވެސް ދިނެވެ.
އަހުރެން ދުނިޔޭގެ އެންމެންނަށް ބުނެލަން ބޭނުންވަނީ ނިކަމެތިކަމުގައި ހުއްޓައި ބަލައިގަނެ ކައިވެނިކުރާ އަނބިމީހާގެ ހިތުގައި ޖައްސުވާފައި އުފާވެރިކަމުގައި ދިރިއުޅެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އެގޮތަށް ކަންތައްކުރާ މީހުންނަށް ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑުގެ ޙަޔާތުގައިވެސް ކަންތައް ދިމާވިގޮތާއި އެއްގޮތްކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް