ރަސޫލް ޞޢޥ ޠާއިފުން އެނބުރި މައްކާއަށް ވަޑައިގަތުމުގެ މަގުމަތީގަ ޖިންނީންގެ ބައަކު އިސްލާމްވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
ރަސޫލް ޞޢޥ ޠާއިފުން އެނބުރި މައްކާއަށް ވަޑައިގަތުމުގެ މަގުމަތީގަ ޖިންނީންގެ ބައަކު އިސްލާމްވި!

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޠާއިފު ދޫކުރައްވައި މައްކާއަށް ވަޑައިގެންނެވީ ހިތާމަކުރައްވާ ޙާލުކޮޅެއްގައެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ޙައްޤު ދަޢުވަތަށް ބީރުކަންފަތެއް ދިނުމުގެ ސަބަބުންނެވެ. މައްކާއަށް އެނބުރި ވަޑައިގެންނެވި މަގުމަތީގައި ކަދުރު ދަނޑަކާއި އަރާ ހަމަވިއެވެ.  

މާތް ނަބިއްޔާ އެރޭ އެތާނގައި ނަމާދު ކުރެއްވުމަޓަކައި މަޑުކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ކިޔެވުން އަޑުއެހުމަށްޓަކައި ޖިންނީންގެ ތެރެއިން ހަތް ޖިންނިޔަކު އެތަނަށް އައެވެ. ނަމަވެސް މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމައަށް އެކަމެއް އެނގިވަޑައި ނުގަންނަވައެވެ.  އެކަލޭގެފާނު ކިޔަވާ ވިދާޅުވަމުން ގެންދެވީ ސޫރަތުލް ޖިންނި އެވެ.  ދެންފަހެ ﷲ ތާޢާލާ އެކަލޭގެފާނުގެ މައްޗަށް އަޙްޤާފު ސޫރަތުގެ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.  

( وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ )  

މާނައީ: " ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآن ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! " 

މިއާޔަތް ބާވައިލެއްވުމުން ޖިންނީންތަކެއް ތިބިކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި ޖިންނީންތައް އިސްލާމްވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުވަސްކޮޅެއް ވަންދެން އެ ކަދުރު ދަނޑުގައި މަޑުކުރެއްވިއެވެ. 

އެ ދަނޑުން ނިކުމެވަޑައިގެން މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި ﷲ ތަޢާލާ އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމާއި ފަރުބަދަތަކުގެ މާލާއިކާތާ ފޮނުއްވިއެވެ.  އަދި ﷲ ތަޢާލާ ވަނީ ފަރުބަދަ ތަކުގެ މަލާއިކަތާއަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަށް ކިޔަމަންވުމަށް އަންގަވާފައި ކަމަށާއި އެކަލޭގެފާނު ބޭނުންފުޅު ކަމުގައި ވަނީނަމަ މައްކާގައި ވާ ޢަޚްޝަބައިން ކިޔާ ދެ ފަރުބަދައެއް ޠާއިފުގެ އަހުލުވެރިންގެ މައްޗަށް ވައްޓާލުމުގެ އިޒުނަޔަށް އެދިވަޑައިގަތެވެ.  

ދެންފަހެ ރަޙުމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވީ ރަޙްމަތުން ފުރިގެންވާ ބަސްކޮޅެކެވެ. އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. " ނޫނެކެވެ! ތިމަންކަލޭގެފާނު އެބައިމީހުންނާމެދު އަވަސްވެވަޑައިނުގަންނަވާނަމެވެ. އެބައިމީހުންގެ ދަރިފަސްކޮޅުން ﷲ އާއި އެހެން އެއްވެސް ފަރާތެއް ބައިވެރިނުކޮށް އެކަލާނގެޔަށް އެކަނި އަޅުކަންކުރާ ބަޔަކު ﷲ ނެރުއްވަފާނެއެވެ." 

މުޠްޢިމް ބުން ޢަދިއްޔުގެ ޙިމާޔަތުގައި މާތް ނަބިއްޔާ މައްކާއަށް ވަދެވަޑައިގަތުން: 

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާއަށް ވަޑައިގެންނެވުމަށް ގަސްތުކުރެއްވި ހިނދު އެކަލޭގެފާނުގެ އަރިހުގައު ހުންނެވި ޒައިދު ބިން ޙާރިޘާ ރަޟިޔަﷲޢަންހާ ވިދާޅުވިއެވެ. ކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގަންނަވާނީ ކިހިނެއްތޯއެވެ؟ ފަހެ އެބައިމީހުންވަނީ ކަލޭގެފާނު ޤައުމުން ނެރެލާފައެވެ. އެވަގުތު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭ ޒައިދެވެ! ހަމަކަށަވަރުން ކަލޭގެފާނު ތިދެކެވަޑައިގަންނަވާ ކަންތަކުން ނިކުންނާނެ މަގު މާތް ﷲ ލައްވަވާނެއެވެ. ހަމަކަށަވަރުން މާތް ﷲ އީ އެއިލާހުގެ ދީނަށް ނަޞްރުދެއްވާ ފަރާތެވެ. އަދި އެއިލާހުގެ ނަބިއްޔާ ފާޅުކުރައްވާނެ އިލާހެވެ. 

އެއަށްފަހު ޙިރާ ހޮހަޅައަށް ވަދެވަދައިގެންނެވިއެވެ. ދެން އެއަށްފަހު މުޠްޢިމް ބިން ޢަދިއްޔުގެ ގާތަށް ޚުޒާޢާ ދަރިކޮޅުގެ މީހަކު ފޮނުއްވިއެވެ. މުޠްޢިމް ބިން ޢަދިއްޔުގެ ޙިމާޔަތުގައި މައްކާއަށް ވަނުމުގެ ހުއްދައަށް އެދިވަޑައިގެންނެވެ.  މުޠްޢިމް ބިން ޢަދިއްޔު އެކަމާ އެއްބސްވިއެވެ. އަދި އޭނާގެ ދަރިންނާއި އޭނާގެ ޤައުމަށް ގޮވައި ހަތިޔާރު އަޅައިގެންގޮސް ގެފުޅުގެ ކަންކަނުގައި ތިބުމަށް އިރުޝާދު ދިނެވެ. އަދީ އޭނާ މުޙައްމަދު ޞައްލަﷲޢަލައިހިވަސައްލަމައަށް ޙީމާޔަތް ދެއްވިކަންވެސް އޭނާގެ ޤައުމުގެ މީހުންނަށް އެންގިއެވެ.  

ދެންފަހެ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ އާއި ޒައިދު ބިން ޙާރިޘާ މުޠުޢިމް ބިން ޢަދިއްޔު އާއި އެކީ މައްކާއަށް ވަދެވަޑައިގެން މަސްޖިދުލް ޙަރާމާއި ހަމަޔަށް ވަޑައިގެންނެވިއެވެ. މުޠްޢިމް ބިން ޢަދިއްޔު އޭނާގެ ސަވާރީ މަތީގައި އިނދެ ގޮވާލިއެވެ. " އޭ ޤުރައިޝުންގެ ދަރިކޮޅއެވެ. ފަހެ ހަމަކަށަވަރުން އަހަރެން މުޙައްމަދަށް ޙިމާޔަތް ދީފިމެވެ. އެހެންކަމުން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އެކަލޭގެފާނަށް އުނދަގުލެއް ނުކުރާހުށިކަމެވެ."

ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޠަވާފު ނިންމެވުމަށް ގެފުޅު ކައިރީގައި ނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނުގެ ގެކޮޅާއި ދިމާލަށް ވަޑައިގެންނެވިއެވެ. އޭރުވެސް މުޠްޢިމް ބިން ޢަދިއްޔު އާއި އޭނާގެ ދަރިޔަކު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ވަށާލައި އެކަލޭގެފާނަށް ޙިމާޔަތްދެމުން ގެންދިޔައެވެ. 

މައްކާގައި ދީނަށް ގޮވާލެއްވުމަށްޓަކި ހޭދަކުރެއްވި މުއްދަތު: 

މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ނަބީ ކަމާއިގެން ވަޑައިގެންނެވުމަށްފަހު މައްކާގައި ހޭދަކުރެއްވީ 13 އަހަރެވެ. އޭގެ ތެރެއިން ފުރަތަމަ 3 އަހަރު ހޭދަކުރެއްވީ ސިއްރިއްޔާތުގައި ދީނަށް ގޮވާލެއްވުމުގައެވެ.  އެކަލޭގެފާނު ފާޅުގައި ދީނަށްގޮވައިލައްވަން ފެއްޓެވީ ﷲ ތަޢާލާ އަންނަނިވި އާޔަތް ބަވައިލެއްވުމުންނެވެ. ( فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ) މާނައީ: ” ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާގޮތަށް، ފާޅުގައި ދީނަށްއަށް ގޮވައިލައްވާށެވެ! އަދި ޝަރީކުކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! “

 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

މިއަދު އޮންލައިން