ސިފަ ރީތިވުމަކީ ހަރުދަނާ ފިރިން ލިބޭނެ ކަމެއް ނޫން! ހަރުދަނާ ފިރިން ލިބޭނީ ހަރުދަނާވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސިފަ ރީތިވުމަކީ ހަރުދަނާ ފިރިން ލިބޭނެ ކަމެއް ނޫން! ހަރުދަނާ ފިރިން ލިބޭނީ ހަރުދަނާވެގެން!

ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ އެމީހުންނަށް ރީތި ސިފައެއް ލިބިފައިވާނަމަ ކައިވެނިކުރަން ބޭނުންވެގެން ފިރިހެނުން ކިޔޫގައި ތިބޭނެ ކަމަށެވެ. އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. ސަބަބަކީ އެއީ ޙަޤީޤަތްނަމަ ސިފަރީތި އެތައް މިލިއަން އަންހެނުންނަށް ބައިވެރިއަކު ނުލިބިފައި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބޭކަށް ނުޖެހުނީހެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ތިބާއަށް ރީތިކަން ލިބިފައިވާނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ. ވަރަށް ބޮޑު ނިޢުމަތެކެވެ. އެކަމަކު އެކަމުގެ ފައިދާ ތިބާއަށް ކުރަމުންދާނީ ތިބާގެ އެތެރޭގެ ސިފަތައްވެސް ރީތިކުރިވަރަކުންނެވެ. ރިވެތި އަޚްލާޤުންނެވެ. ހަރުދަނާކަމުންނެވެ. ތަޤްވާވެރިކަމުންނެވެ.  

ދެން އޮތީ ރީތި އަންހެނުންގެ ފަހަތުން ގިނަބައަކު އެނބުރޭކަމެވެ. ރަނގަޅަށް ބަލާށެވެ! ހަމައެކަނި ހަށިގަނޑުގެ ސިފަ ރީތިވެގެން ހަރުދަނާ ފިރިހެނަކު ސަމާލުކަމެއް ނުދޭނެއެވެ. ސަބަބަކީ ހަރުދަނާ ފިރިހެނުން އަންހެނާގެ ހަރުދަނާކަމަށް ބަލާނެތީއެވެ.  

ހަރުދަނާވުމުގެ މާނައަކީ ހަމައެކަނި ގޮތުގައި ހުރުމެއް ނޫނެވެ. ރިވެތި އަޚްލާޤާއި ތަޤްވާވެރިކަންވެސް ހިމެނިގެންވެއެވެ. އެދެކަންތަކުގައި ހަރުދަނާ ނުވެވޭނަމަ އެމީހަކީ ހަރުދަނާ މީހެއް ނޫނެވެ.  

ކުޑަ ވާހަކައެއްވެސް ކިޔައިދޭނަމެވެ. އެއީ މީގެ ފަސް އަހަރުކުރިއެވެ. އަނބިމީހާ ވަރަށް ދެރަވެފައި ބުނީ އޭނާގެ އެކުވެރިންގެ ތެރެއިން އެންމެ ރީތި ދެއަންހެނުންނަށް ކައިވެނިނުކުރެވިގެންއުޅޭވާހަކައެވެ. އަހުރެން އެދެއަންހެނުން ގެއަށް ގެނުވައިގެން ވާހަކަ ދެއްކީމެވެ.  

އެދެއަންހެނުންނަކީވެސް ވަރަށް ރީތި ދެއަންހެނުންނެވެ. ކައިވެނިނުކޮށް ތިބީ ކައިވެނިކުރާނެ މީހަކު ނުވެގެނެއް ނޫނެވެ. ރަނގަޅު ފެންވަރުގެ މީހަކު ނުވެގެންނެވެ. ސަބަބަކީ ކުރިން މިބުނި ފަދައިން ހަރުދަނާކަން ނެތުމެވެ.  

އަހުރެންދިން ނަޞީޙަތް އެމީހުން ޤަބޫލުކުރިއެވެ. ހަރުދަނާ ބައަކަށްވުމުން ދެއަންހެނުންނަށްވެސް ރަނގަޅު ހަރުދަނާ ފިރިން ލިބުނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން