މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ޖާމިއު އެދެނީ އާންމުންގެ ދީލަތި އެހީއަކަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ޖާމިއު އެދެނީ އާންމުންގެ ދީލަތި އެހީއަކަށް!

ކޮންމެ އިންސާނަކުވެސް ބަލިވުމުން އަވަސްވެގަންނަނީ ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ޝިފާއެއް ހޯދުމަށެވެ. ނަމަވެސް ތ. ތިމަރަފުށީ ނަޒީހާ މަންޒިލް، މުހައްމަދު ޖާމިއުގެ ހަޔާތުން ވޭތުވެދިޔަ 19 އަހަރަކީ މި ބުނި ޝިފާގެ ބަދަލުގައި، ނެތް ބައްޔަކަށް ކުރެވުނު ފަރުވާތަކަކުން މުޅި ދިރިއުޅުން ބަދަލުކޮށްލި ހިތްދަތި ދުވަސްތަކެކެވެ.

ޖާމިއުގެ ބަލީގެ ފެށުމަކީ މީގެ 19 އަހަރު ކުރިއެވެ. އޭރު އައިޖީއެމްއެޗްގެ ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. ޔޫސުފް ޝާންއަށް ދެއްކުމުން ނިންމެވީ އޭނާގެ މައިބަދައިގެ ޑިސްކުތަކެއްގެ މައްސަލަ ހުރި ކަމަށެވެ. އެ ނިންމުމާއެކު، މައިބަދައިގެ ތިން އޮޕަރޭޝަނެއް ކުރެވުނެވެ. ނަމަވެސް ހާލަތަށް އެއްވެސް ބަދަލެއް ނައުމުން، ދެން ދެއްކި ޑރ. މުރުޝިދު ނިންމެވީ ޖާމިއުއަކީ އާތުރައިޓިސް ބަލި ތަހައްމަލުކުރާ މީހެއް ކަމަށެވެ. އެދުވަހުން ފެށިގެން އެ ބައްޔަށް ބޭސްކުރަން ފެށުނެވެ.

އަހަރުތަކެއްގެ ވޭނަށްފަހު، އިންޑިއާއަށް ގޮސް ހެދި ޓެސްޓުތަކުން އެނގުނީ މުޅިން ތަފާތު ވާހަކައެކެވެ. ޖާމިއުގެ ހަށިގަނޑުގައި އާތުރައިޓިސްއެއް ނެތެވެ. އަސްލު މައްސަލައަކީ ކަރުންމަތީގެ ތިން ޑިސްކެއްގެ މައްސަލައެވެ. މިކަން އިތުރަށް ކަށަވަރުވީ އޭޑީކޭގެ ރިއުމެޓޮލަޖިސްޓަކަށް ދެއްކުމުންނެވެ. އޭނާ ދިން ލަފައަށް އައިޖީއެމްއެޗްގެ ނާރުގެ ޚާއްސަ ޑޮކްޓަރު ޕްރަދީޕަށް ދެއްކުމުން ލިބުނީ ހައިރާންކުރުވަނިވި މައުލޫމާތެކެވެ. ކުރިން ކުރި ތިން އޮޕަރޭޝަނަކީ ރަނގަޅަށް ކުރެވުނު ކަންކަން ނޫން ކަމަށާއި، އޭގެ ސަބަބުން މައިބަދައިގެ ފަސް ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މިއަދު 50 އަހަރުގެ ޖާމިއުގެ ހާލަތަކީ އިންތިހާއަށް ދެރަ ހާލަތެކެވެ. ތިމަރަފުށީ ކޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރި ނަމަވެސް، މިހާރު އޭނާއަށް އަމިއްލައަށް ހިނގާބިނގާވެ އުޅެވެނީ އެންމެ 30 ނޫނީ 50 ފޫޓަށެވެ. ދެލޯ ފުސްވެ، އަތްތައް އައްސިވެ، ނަމާދަށް ހުރުމަކީވެސް އޭނާއަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ދެ ދަރިންގެ ބައްޕަ، ޖާމިއު އެންމެ ބޮޑަށް ހިތާމަކުރަނީ ނެތް ބައްޔަކަށް ކުރެވުނު ފަރުވާގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލިބުނު ދާއިމީ ގެއްލުމާ މެދުގައެވެ.

2023 އަދި 2024  ވަނަ އަހަރު އިންޑިއާއިން ގިނަ އޮަޕަރޭޝަން މިހާރު ވަނީ ކޮށްފައެވެ. އެގޮތުން މައިބަދައިގެ ހަތަރެއް، ކަނދުރާގެ އެއް އޮޕަރޭޝަން އަދި ހިޕް ރީޕްލޭސްމަންޓު އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ.

"މިހާރު އަނެއްކާ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފަ މިވަނީ. މިހާރު ވާގޮތަކީ ދެއަތުގެ ބޭނުން ނުކުރެވެނީ، ފޯނުވެސް ބޭނުންކުރަން މިޖެހެނީ ސްޕީކަރަށް ލައިގެން ބާއްވައިގެން. " ޖާމިއު އޭނާގެ މިހާރުގެ ހާލަތު ކިޔައިދިނެވެ.

އެ އޮޕަރޭޝަނަށް އިންޑިއާއަށް ދާން ޖެހިފަިއވާއިރު، އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އަދި ދެވޭޣޮތެއް ނުވެއެވެ. ޖާމިއު ކިޔައިދިން ގޮތުގައި ރާއްޖެއިން ޑޮކްޓަރަށް ދެއްކުމުން މައިބަދައިގެ މައްސައެއް އުޅޭ ކަމަށާއި އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. ދެފަހަރު މަތިން ހާޓްއެޓޭކް ޖެހިފައިވާކަމާއި ޔޫރިން ބްލޮކްވާ މައްސަލަ ޖާމިއު ފާހަގަކުރިއެވެ.

މީގެކުރިން ކަންތައް ދިމާވެފައި ހުރި ގޮތުންނާއި އޭނާގެ ބޭސްފަރުވާގެ ކަންތައް ކުރިޔަށް ގެންދަނީ އިޑިއާގެ ޗެއްނާއީގައި ހުންނަ މިއޮޓް ހޮސްޕިޓަލަކަމަށް ވާތީ މިފަހަރުވެސް އޮޕަރޭޝަނަށް އޭނާ ބޭނުންވަނީ ރާއްޖެއިން ބޭރަށް ދާށެވެ.

އާސަންދަ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް، ރާއްޖެއިން ބޭރުގައި ހުރުމާއި ކެއުމުގެ ހަރަދުތަކަކީ އޭނާގެ މާލީ ތަނަވަސްކަން ހުރި ގޮތުން އުފުލޭނެ ތަކުލީފުތަކެއް ނޫނެވެ. އެހެންކަމުން ފަރުވާއަށް ފުރަން ތައްޔާރުވަމުންދާ ޖާމިއު އެދެނީ ދީލަތި އެހީތެރިކަމަކަށެވެ. މާލީ ގޮތުން އެހީތެރިވެވެން ނެތް ފަރާތްތަކުގެ ކިބައިންވެސް އޭނާ އެދެނީ އޭނާއަށް ޝިފާ މިންވަރުކޮށްދެއްވުން އެދި ކުރާ ހެޔޮ ދުއާގައެވެ.

ނަން: މުހައްމަދު ޖާމިއު

ބީއެމްއެލް: 7725265378101

އެމްއައިބީ: 90103100599861001

ޔޫއެސްޑީ އެކައުންޓް: 7730000492937

މީޑިއާ

މީޑިއާ

މީޑިއާ

މިއަދު އޮންލައިން