ޢާއިޝަތު ރަފާޙް ޢަލީ
ކައިވެންޏަކީ ﷲ ތަޢާލާ އަށް ޙައްޤު ގޮތުގައި އަޅުކަންކޮށް ރަނގަޅު ހެޔޮލަފާ ދަރީންތަކެއް ބިނާ ކުރުމަށް، ކުރާ ކަމެކެވެ. ކައިވެނީގެ ސަބަބުން ޢިތްފަތްތެރިކަމާއި، ޙަރާމް ބެލުންތަކާއި، ޙަރާމް ކަންކަމުން ނަފްސު ރައްކާތެރި ކޮށްދެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾
މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (21)"
އެގޮތުން ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. އޭގެތެރެއިން ބައެއް ކަންކަން މި ލިޔުމުގައި ބަަޔާން ކޮށްލާނަމެވެ.
1 ދެމަފިރިން އެކުގައި ރޭއަޅުކަން ކުރުން
2 ރޭއަޅުކަން ނުވަތަ ދަމުނަމާދު ކުރުމަކީ ވަރަށް ޘަވާބުހުރި އަޅުކަމެކެވެ. އަދި އެވަގުތުގައި ކުރާ ދުޢާ ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަ ކުރައްވައެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
رَحِمَ اللَّهُ رَجُلًا قَامَ مِنْ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنْ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ
މާނައީ: "ރޭގަނޑުގެ ވަގުތުގައި ތެދުވެ ދަމުނަމާދު ކޮށް އޭނާގެ އަނބިމީހާ ދަމުނަމާދު ކުރުމަށް ހޭލައްވައިފި، މީހަކަށް ﷲ ރަހުމަތް ލައްވާށިއެވެ. އެފަދައިން ނުތެދުވެއްޖެނަމަ، އޭނާ އެކަނބުލޭގެ މޫނަށް ފެންފޮދެއް ވިއްސާލައެވެ. އަދި ރޭގަނޑުގެ ވަގުތުގައި ތެދުވެ ދަމުނަމާދުކޮށް، އެކަނބުލޭގެ ފިރިމީހާ އަށް ގޮވައި ހޭލައްވައިފި އަންހެނާއަށް ﷲ ރަޙުމަތް ލައްވާށިއެވެ. އެފަދައިން ނުތެދުވެއްޖެނަމަ އެކަނބުލޭގެ، އޭނާގެ ފިރިމީހާގެ މޫނަށް ފެންފޮދެއް ވިއްސާލައެވެ"
އެހެންކަމުން މި ޙަދީޘުފުޅުން އެނގޭ ގޮތުގައި ފިރިމީހާ ދަމުނަމާދަށް ހޭލާ އަނބިމީހާ ހޭލައްވާފިނަމަ ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވައެވެ. އަދި އަނބިމީހާ ހޭލުމަށްފަހު ފިރިމީހާ އަށް ގޮވައިފިނަމަ އަނބިމީހާ އަށް ރަޙްމަތް ލައްވާނެކަމެވެ. އަދި ބަރަކާތް ލައްވާނެކަމެވެ.