ކިތަންމެ ކައިރިއަށް ނަމަވެސް ރޭގަނޑު އަނބިއަނބިކަނބަލުން އެކަނި މަގުމައްޗަށް ދޫކޮށްނުލައްވަވަންވެގެން އިޢުތިކާފަށް އިންނަވާފައިވެސް ނުކުމެވަޑައިގެން އަރިހުގަ ވަޑައިގެންނެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ކިތަންމެ ކައިރިއަށް ނަމަވެސް ރޭގަނޑު އަނބިއަނބިކަނބަލުން އެކަނި މަގުމައްޗަށް ދޫކޮށްނުލައްވަވަންވެގެން އިޢުތިކާފަށް އިންނަވާފައިވެސް ނުކުމެވަޑައިގެން އަރިހުގަ ވަޑައިގެންނެވި!

އެއްރެއަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ޞަފިއްޔާ رضي الله عنها ޒިޔާރަތް ކުރެއްވި ޙާދިޘާ ބަޔާންކުރައްވައި އެކަމަނާ ރިވާރެއްވިއެވެ. 

"ﷲ ގެ ރަސޫލާ صلى الله عليه وسلم އިންނެވީ އިޢުތިކާފަށެވެ. ފަހެ ތިމަން ކަމަނާ އެއް ރެއަކު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވީމެވެ. އަދި ވާހަކަ ދެއްކެވީމެވެ. އެއަށްފަހު ތިމަން ކަމަނާ (ގެކޮޅަށް ދިއުމައްޓަކައި) ތެދުވެވަޑައިގެން އެނބުރިވަޑައިގެންނެވީމެވެ. ފަހެ އެކަލޭގެފާނު ވެސް ތިމަން ކަމަނާއާ އެކު ތެދުވެވަޑައިގެންނެވިއެވެ. ތިމަން ކަމަނާއާ އެކު ވަޑައިގެންނެވުމަށެވެ. ފަހެ (މަގުމަތިން) އަންޞާރިއްޔަ ދެ ބޭކަލެއް ހުރަސްކުރެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ފެނިވަޑައިގެންނެވުމާއެކު އެ ދެ ބޭކަލުންގެ ހިނގުން އަވަސްކޮށްލެއްވިއެވެ. ފަހެ (އެހިނދު) ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "عَلى رِسْلِكما إِنَّها صَفية بنتُ حُييِّ’. "ތިޔަ ދެ ބޭކަލުން (އަވަސް އަވަހަށް ވަޑައިނުގެން) ހަމަޖެހިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަމަނާއަކީ ޞަފިއްޔަތު ބިންތު ޙުޔައްޔުއެވެ'". البخاري 2038. 

ފަހެ ނަބިއްޔާ صلى الله عليه وسلم މިވަނީ އިޢުތިކާފަށް އިށީންދެވަޑައިގެން އިންނަވަނިކޮށް އެކަލޭގެފާނުގެ އަނބިކަނބަލެއް ވަޑައިގެންނެވުމުން އެކަމަނާއަށް ވަގުތު ހުސްކޮށްދެއްވާފައެވެ. އަދި އެވަރުން ނިންމަވާލެއްވީކީ ވެސް ނޫނެވެ. އެއާއެކު، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ގެކޮޅުތައް މިސްކިތްކޮޅާ އެއްވެސް ހުރަހެއް ނެތި ދާދި ގާތްކޮށް، ޖެހިޖެހިގެން ކަހަލަ ގޮތަކަށް ހުރިއިރުވެސް އެކަލޭގެފާނު މިވަނީ އެކަމަނާ ގެކޮޅަށް ލައިދެއްވުމަށް ވެސް ވަޑައިގެންފައެވެ. 

އަޅުގަނޑުމެންގެ މުޖުތަމަޢުއިން މިޔާ ޚިލާފަށް ގިނަ މީހުންގެ ޢަމަލުތައް ހުންނަކަމީ ނުހަނު ހިތާމަކުރަން ޖެހޭ ކަމެކެވެ. ފަހެ އެމީހުން އެމީހުންގެ އަނބީން އެކަނިމާ އެކަނި ތަންތަނަށް ދާން ދޫކޮށްލައެވެ. އެއްވެސް ރައްކާތެރިކަމެއް ނެތިއެވެ. ބައެއް ފަހަރު މަޖުބޫރުވެސް ކުރުވައެވެ. އަނެއްބައި ފަހަރު ކޮންމެވެސް ހިލޭ ފިރިހެނަކާ އެކީވެސް ދާން ދޫކޮށްލައެވެ. ދައްޔޫޘުން ކަންކުރާ ފަދައިންނެވެ. ތިމާގެ ރައްޓެހިންނާ އެކީ ކޮންމެވެސް ތަނަކަށް ދާންވެގެން ނޫނީ ކޮފީއަކަށް ދާން މާ މުހިއްމުވާތީއެވެ. ނުވަތަ ގޭގައި ބަލަން އިން ޓީވީ ޕުރޮގުރާމު މެދުކަނޑާލާފައި ދާން ބުރަކަމަކަށް ވެގެންނެވެ.  

ބައެއް ފަހަރު އަނބިމީހާ ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ދާންޖެހޭ ފަހަރު ފަހަރު ވެސް އެވެ. އަލިކަމެއް ނެތް އަނދިރި މަގުތަކުން ދާންޖެހުނު ކަމުގައި ވިޔަސް ފަރުވާލެއް ނުބަހައްޓައެވެ. ފަހެ މާތްވެގެންވާ އިޢުތިކާފުގެ އަޅުކަން މެދުކަނޑުއްވާލެއްވުމަށް ފަހު މާތް ނަބިއްޔާ صلى الله عليه وسلم މިވަނީ މިނެޓެއް ތެރޭގައި ދެވޭހާ ކައިރީގައި ހުރި ގެކޮޅަށް، އަނބިކަމަނާ ގެންގޮސްދިނުމަށް ވަޑައިގެންފައެވެ. އަދި އެއީވެސް އެއްވެސް ނާމާންކަމެއް ބިރުވެރިކަމެއް ނެތް، ދުނިޔެ ދުށް އެންމެ އަމާން މުޖުތަމަޢުގައެވެ. އަޅުގަނޑުމެންގެ ތެރޭގައި މިވާފަދަ ނާމާންކަމާއި ބިރުވެރިކަން ފެތުރިފައި އޮތް މުޖުތަމަޢުއެއްގައި ނަބިއްޔާ صلى الله عليه وسلم ގެ މިފަދަ ޢަމަލުފުޅުތަކަށް ތަބާވެ އެއަށް ޢަމަލުކުރުން މާ ލާއިޤުވެގެންވެއެވެ.

 

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

މިއަދު އޮންލައިން