މޮރޮއްކޯގެ ޓީމަށް ބަލާށެވެ! ކާމިޔާބުލިބުމުން ފުރަތަމަވެސް ކުރީ ސަޖިދައެވެ. މުޞްރުގެ ޓީމަށް ބަލައިފިނަމަ އެހައި ހިތްދަތިގޮތަކަށް ނާކާމިޔާބުވުމުންވެސް ކުރީ ސަޖިދައެވެ. އެއީ ކާމިޔާބީ އާއި ނާކާމިޔާބީގައިވެސް ﷲ ތަޢާލާއަށް ޙަމްދުކުރަން އޮންނާތީއެވެ.
މުސްލިމް ވަކިވަކި ކުޅުންތެރިންނަށް ބަލާށެވެ! ކާމިޔާބީއެއް ލިބޭއިރަށް އެމީހުން ބައްދައި ބޮސްދިނީ އެމީހުންގެ މައިންބަފައިންނަށެވެ. ކޮންފަދަ ރިވެތި އަޚްލާޤީ ސިފަތަކެއް ހެއްޔެވެ؟
އަހުރެންނަށް ނުފެނިވެސް އެތައް ކަމެއް ހިނގާފައި އޮވެދާނެއެވެ. އަހުރެން ފާހަގަމިކުރީ އަހުރެންނަށް ފާހަގަކުރެވުނު ކަންކަމެވެ.
މިކަންކަން ފާހަގަކުރެވުނީ އަހުރެންނަށް އެކަންޏެއް ނޫނެވެ. އަހުރެންގެ އެކުވެރިންގެ ތެރޭގައި ހިމެނޭ މުސްލިމުން ނޫން އެތައް ބައަކަށްވެސް މިކަންކަން ފާހަގަކުރެވި އެކަންކަމަށް ގެންދަނީ ތަޢްރީފްކުރަމުންނެވެ.
އަހުރެންވެސް ޤަބޫލުކުރަމެވެ. ޙަރާމް ޙަލާލަށް ބަލަން ބޭނުންނުވާ ގިނަ ބައަކަށް އިސްލާމް ދީނުން ދަތިއުނދަގޫ ކަންތައްތަކެއް ފެނިދާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ރަނގަޅަށް ވިސްނައިފިނަމަ އެންމެ ލުއިފަސޭހަދީނަކީ އިސްލާމްދީނެވެ.
އިސްލާމްދީނަށް ޢަމަލުކުރަން އޮތީ ހަމައެކަނި މިސްކިތުގައި ނުވަތަ އަޅުކަންކުރާތަނަކު ނޫނެވެ. އެމީހަކު ހުރި ކޮންމެ ތަނެއްގައެވެ. ވޯލްޑްކަޕުން ފެނިގެން އެދިއައީ އެކަމެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ! އަހުރެންނާއި އެތައް ބައަކާއި ދެކެވުނު ވާހަކަތަކުން އެނގެނީ މިކަންކަމުގެ ސަބަބުން އެމީހުން އިސްލާމްދީނަށް ޝައުޤުވެރިވެއްޖެކަމެވެ. އެހެންކަމުން ގިނަ ބައަކު އިސްލާމްވުމަކީ ގާތް ކަމެކެވެ. އިން ޝާ ﷲ
(އަޅުގަނޑަކަށް ޗެޗްތަކެއް ނުބެލެއެވެ. އެހެންކަމުން މިކަންކަން ބަޔާންކޮށްފައި އެވަނީ މުސްލިމް އަޚަކު ބުނެފައިވާ ގޮތަށެވެ.)