ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މުލަކަތޮޅު މުލަކުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 25 އިންސައްތަ ނިމިފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ރަށްރަށުގެ އަމާންކަން ބެލެހެއްޓުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މުލަކު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މަސައްކަތް ފެށީއްސުރެ މިއަދާ ހަމައަށްވެސް އެއްވެސް މެދުކެނޑުމެއްނެތި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މުލަކު ކައުންސިލުގެ ރައީސް އަޙްމަދު ޖަމާލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެރަށުގައި ފަށްޓަވައިދެއްވި މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ފުލުހުންގެ މަރުކަޒުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މަރުކަޒުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޖަމާލު ވިދާޅުވީ، "ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ 25 އިންސައްތަ މިހާރު ނިމިފައިވަނީ. މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށް އެބަދޭ. އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ސްޓްރަކްޗަރގެ މަސައްކަތްތައް" ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމެވެ. މިގޮތުން މުލަކުގައި ކުރިއަށްދާ މި މަޝްރޫޢު ނިމުމުން އެރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.