ރާއްޖޭގައި ލައިސަންސް ނަގައިގެން ރަސްމީކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ އަދަދު 502އަށް އަރާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އުޅަނދުތަކުގެ ތެރޭގައި ކަޅުބިލަމަހާއި، ކަންނެލި އަދި މަސްވެރިކަމުގެ އެހެނިހެން ބާވަތްތަކަށް ލައިސަންސް ނަގައިގެން މަސައްކަތް ކުރާ އުޅަނދުތައް ހިމެނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ކަޅުބިލަމަހުގެ މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ލައިސަންސް އައުކޮށްގެން 191 އުޅަނދެއް މަސައްކަތް ކުރިއިރު، މިއަހަރު އެ އަދަދު ވަނީ 250 އަށް އިތުރުވެފައެވެ. މިއީ 59 އުޅަނދުގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ދޮށީގެ މަސްވެރިކަމާއި ކަންނެލި މަސްވެރިކަމުގައި ޖުމްލަ 441 އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ލައިސަންސް ނަގައިގެން މަސައްކަތް ކުރާ އުޅަނދުތަކުގެ ތަފްސީލަށް ބަލާއިރު، ކަނޑުމަހުގެ މަސްވެރިކަމުގައި 460 އުޅަނދު، ފަރުމަހުގެ މަސްވެރިކަމުގައި 10 އުޅަނދު، ފާނަ މަސްވެރިކަމުގައި 27 އުޅަނދު، ހުއިފިލަނޑާ ނެގުމުގައި 4 އުޅަނދު އަދި އެކުއޭރިއަމް މަސްވެރިކަމުގައި 1 އުޅަނދު ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުފަހަރު ބަނުމަށް ބޭނުންކުރާ ސާމާނަށް އަންނަ ބަދަލުތައް ވެސް މި ހިސާބުތަކުން ވަނީ ހާމަވެފައެވެ. ކުރިން މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރި ލަކުޑި ދޯނިފަހަރުގެ އަދަދު މިހާރު ވަނީ 114 އަށް މަދުވެފައެވެ. އޭގެ ބަދަލުގައި ޒަމާނީ ފައިބަރު އުޅަނދުތަކަށް މަސްވެރިން ބަދަލުވަމުންދާއިރު، ފައިބަރުން ބަނދެފައިވާ އުޅަނދުތަކުގެ އަދަދު މިހާރު ވަނީ 387 އަށް އިތުރުވެފައެވެ