ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ޖޫން މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %8.2 ގެ އިތުރުވުމެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި 79 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 73 މިލިޔަން ޑޮލަރެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގްރީން ޓެކްސްގެ އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން