ލ.ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގުގެ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ދާއިރު އާންމުންނަށް އެ މަގު ބޭނުންކުރެވޭނެ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ލ.މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާނެ ތާރީޚާއި، އެ މަޝްރޫޢު ނިންމާލެވޭނެ ދުވަހެއް ސާފުކުރުމަށް ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ އެ މަޝްރޫޢުގެ މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތުގެ ތަފްސީލީ ޓައިމްލައިނެއް ހިއްސާކުރައްވާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި 22 ޖެނުއަރީ 2023 ގައި ސޮއިކޮށްފައިވީ ނަމަވެސް، އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ފެށިފައިވަނީ މި ސަރުކާރުގައެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަސައްކަތް މޮބިލައިޒްކުރި ކަމަށް ރިޕޯޓްތަކުން ދެއްކި ނަމަވެސް، އޭރު ފެށި ސަރވޭތަކާއި ބޯހޯލްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަށް ބޭނުންވާ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިަނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ނިންމާފައިވަނީ މި ސަރުކާރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ހަމަޖެހިފައިވާ ގޮތުން މަޝްރޫޢުގެ އަމަލީ މަސައްކަތް 20 އޮކްޓޯބަރު 2025 ގައި ފެށޭނެ ކަމަށާއި، މިއީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މަސައްކަތް ލަސްވާން ދިމާވި ސަބަބުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫޢު ހުރި. ދައުލަތުގައި ހުރި ފައިސާއިން ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫޢުތަކާއި، މި ވެރިކަމުގައި ފަށައި އައު މަޝްރޫޢުތަކާއި އެކުގައި ކުރިއަށް ގެންދަން ރަނގަޅަށް ޝެޑިއުލް ހަދައިގެން މި މަސައްކަތް ކުރަނީ،" ކަމަށެވެ.
މި މަޝްރޫޢަކީ ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ މުހިންމު ބިނާރެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.