ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް އެފްއެސްއެމްއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް އެފްއެސްއެމްއިން ފަށައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ (އޭ.ޓީ.ޖީ) ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީކޮށް، ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

އެފްއެސްއެމްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނީގެ ފުރަތަމަ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ އެ ކުންފުނީގެ އުޅަނދެއްގައި ކުރެވެމުންނެވެ. މި މަޝްރޫއަކީ ކުންފުނީގެ ކަނޑުދަތުރުފަތުރުގެ ތެލުގެ އޮޕަރޭޝަންތަކުގައި އިތުބާރާއި ޔަގީންކަން ބޮޑުކުރުމަށް ފެށި ޕައިލެޓް މަޝްރޫއެކެވެ.

މި ސިސްޓަމްގެ ސަބަބުން ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު މެދުކެނޑުމެއްނެތި، ވަރަށް ފުރިހަމައަށް އަދި ސައްހަކޮށް ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކުގެ ހިންގުން ހަރުދަނާވެ، ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެފްއެސްއެމްއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެފްއެސްއެމްއިން ބުނެފައިވަނީ، "މި ޕައިލެޓް މަޝްރޫއުގެ ސަބަބުން ޓޭންކް ވޮލިއުމް މެދުކެނޑުމެއްނެތި އަދި ސައްހަކޮށް މޮނިޓަރ ކުރެވޭނެ ކަމަށާއި، މީގެ ސަބަބުން އަޅުގަނޑުމެންގެ މެރިން ފިއުލް އޮޕަރޭޝަންތަކުގެ ހިންގުން ހަރުދަނާވެ އިތުބާރު ބޮޑުވެގެންދާނެ" ކަމަށެވެ.

މި އައު ނިޒާމަކީ ތެޔޮ އުފުލުމާއި ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ޓެކްނޮލޮޖީގެ އެހީގައި ކުންފުނީގެ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން