މިއަހަރުގެ އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ، މިއީ އަންނަ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައި ބާއްވާ ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތެއް ކަމަށެވެ. މި އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ ފޯމު ހުށަހެޅުމުގެ މަގު ފަހިކޮށްދީފައެވެ.
އެޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މިފަހަރުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ލުއިފަސޭހަ ގޮތަކަށެވެ. އެގޮތުން ޑީޕީއީން ވިދާޅުވީ، "އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް" ކަމަށެވެ.
މީގެ އިތުރުން، އިމްތިޙާނުގެ ފީތައް ދެއްކުމުގެ ކަންކަންވެސް ކުރިއަށްދާނީ ޑިޖިޓަލްކޮށް ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ. އެގޮތުން އިމްތިޙާނު ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ރަސްމީ ޕޭމަންޓް ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.