ކެމިކަލް ގުދަންކުރާފަރާތްތަކުން އެއް މަސްދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށް ދިފާޢީ ވުޒާރާއިން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކެމިކަލް ގުދަންކުރާފަރާތްތަކުން އެއް މަސްދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށް ދިފާޢީ ވުޒާރާއިން އަންގައިފި

މާލޭގައި ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށް، އެ ތަކެތި ވިއްކަމުންދާކަން ފާހަގަވެފައިވާތީ، އެކަންކަން އިސްލާޙުކޮށް އެއް މަސްދުވަހުގެ ތެރޭގައި ކަމާބެހޭ ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސް އިން އަންގައިފިއެވެ. ދިފާޢީ ވުޒާރާއިން މިގޮތަށް އަންގާފައިވަނީ ޤަވާއިދާ ޚިލާފަށް ކެމިކަލް ގެންގުޅޭ ފަރާތްތަކުން އެކަންކަން ވަގުތުން ރަނގަޅު ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، ސަލާމަތީ ކަންކަން ކަށަވަރުނުވާ ތަންތަނުގައި ބާވަތް ބާވަތުގެ ނުރައްކާތެރި ކެމިކަލްތައް ގުދަން ކޮށްގެން ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެހެންކަމުން، ޤަވާއިދާ ޚިލާފަށް އެ ވިޔަފާރި ކުރާ ފަރާތްތަކުން ވަގުތުން ފިޔަވަޅުތައް އިސްލާޙު ކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ "ކެމިކަލް ވިއްކުމުގެ ހުއްދަ"އަށް އެދި ދިފާޢީ ވުޒާރާއަށް ހުށަހަޅައި، އެ ހުއްދަ ލިބުމަށްފަހުގައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ އެ ވުޒާރާގެ ވެބްސައިޓުގައި ޝާޢިއު ކޮށްފައިވާ "ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދޭ ފޯމް" މެދުވެރިކޮށް ކަމަށްވެސް ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، އެ ފޯމް ހުށަހަޅުމަށްފަހު ނުރައްކާތެރި ކެމިކަލް ވިއްކުމަށް ބޭނުންކުރާ ފިހާރަ "މަކުޑި" ޕޯޓަލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ވުޒާރާއިން ވިދާޅުވި ގޮތުގައި، ކެމިކަލް ވިއްކުމުގެ ހުއްދަ ދޫކުރެވޭނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ފުރިހަމައަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ދިފާޢީ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގައި ކެމިކަލް ވިއްކާ ފަރާތްތަކުން، މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށާއި، ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލުގައި ރަޖިސްޓްރީކުރުމަށް އަންގާފައެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާމެދު ނުރައްކާތެރި ކެމިކަލާއި ބެހޭ ޤަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން