ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ ޝަރުތުހަމަނުވާ އެޕްލިކޭޝަންތަކުގެ ތެރެއިން 1,000 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ ޝަރުތުހަމަނުވާ އެޕްލިކޭޝަންތަކުގެ ތެރެއިން 1,000 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަކޮށްފި

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ ޝަރުތުހަމަނުވާ އެޕްލިކޭޝަންތަކުގެ ތެރެއިން 1,000 އަށްވުރެ ގިނަ އެޕްލިކޭޝަން މިހާތަނަށް ފުރިހަމަ ކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ މިފަދަ އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުހަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ ހުށައެޅުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން 12,000 އަށްވުރެ ގިނަ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 1,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ޝަރުތު ހަމަކޮށްފައެވެ. ނަމަވެސް އަދިވެސް 11,500 އެއްހައި އެޕްލިކޭޝަން ފުރިހަމަނުކޮށް ހުރިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން، މި ފަރާތްތަކުންވެސް ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ފުރިހަމަކޮށް ޝަރުތު ހަމަކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ވިޔަފާރިއާއި ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދީފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކުރާ އެޕްލިކޭޝަންތައް ޕޯޓަލްއިން ކެންސަލް ކުރެވޭނެ ކަމަށެވެ. އެހެންކަމުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ފަރާތްތަކުންވެސް އެޕްލިކޭޝަންތަކުގެ މަސައްކަތް ނިންމުމަށް އެ ވުޒާރާއިން ބާރުއަޅުއްވައެވެ.

މިއަދު އޮންލައިން