ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރިއަށްގެންދާ "އިޓްސް ކޫލް އެޓް 25" ކެމްޕޭނުގެ ދަށުން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 އެއްގެ ދަރިވަރުންނަށް ޚާއްޞަ ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.
ދާލު އަތޮޅު ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އެނާޖީ ޑިޕާޓްމަންޓުގެ ބޭފުޅުންނެވެ. އެގޮތުން މި ސެޝަން ނަންގަވައިދެއްވީ ޕްރިންސިޕަލް އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު ޙައްވާ ފިއުޒާ ޢަލީ ޝަރީފާއި، އެނާޖީ އިންޖިނިއަރު ރިޒްނާ އަޙްމަދު ރަޝީދެވެ.
މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަކަތަ އިސްރާފުނުކޮށް ބޭނުންކުރުމުގެ މުހިންމުކަމާއި، ދަރިވަރުންގެ ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއިން ހަކަތަ ސަލާމަތްކުރުމަށް ކުރެވިދާނެ އާދައިގެ ކަންތައްތަކުގެ މައްޗަށެވެ. މީގެ އިތުރުން، ކަރަންޓު ސަލާމަތްކުރުމަށް ބާރުއެޅުމުގެ ގޮތުން އެއާކޯން 25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމުގެ މުހިންމުކަން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
މި ސެޝަނުގެ ތެރެއިން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ތަފާތު ކުޅިވަރުތަކާއި ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން "ހަކަތަރި" ޕްރޮގްރާމާއި "ހަކަތަރި" ލޭބަލާ ގުޅޭގޮތުން ދަރިވަރުންގެ މެދުގައި ޝައުޤުވެރި މުބާރާތްތަކެއް ބާއްވައި، އެ ލޭބަލްގެ ބޭނުންތެރިކަން ވަނީ އޮޅުންފިލުވައިދީފައެވެ.
މިފަދަ ސެޝަންތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ހަކަތަ ބޭނުންކުރުމުގެ ސަގާފަތެއް މުޖުތަމަޢުގައި އަށަގެންނެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ހަބަރު: ސަރުކާރު