ފެނުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ ޕްލަމްބިން ކޯހުގެ މަސައްކަތް ފެށުމަށް "ކިކް-އޮފް" ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފެނުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ ޕްލަމްބިން ކޯހުގެ މަސައްކަތް ފެށުމަށް "ކިކް-އޮފް" ބައްދަލުވުމެއް ބާއްވައިފި

ފެނުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމަށް ހިންގާ "ސެޓްފިކެޓް III އިން ޕްލަމްބިން" ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ "ކިކް-އޮފް" ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގައި ބާއްވައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ޖަރުމަނުގެ ޖީ.އައި.ޒެޑް (GIZ) އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (MIT) ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފެނުގެ ޚިދުމަތްދޭ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓުގެ އިސް ވެރިންނާއި، ޖީ.އައި.ޒެޑް އަދި އެމް.އައި.ޓީގެ ފަރާތުން ކަމާގުޅޭ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ މަސައްކަތު ތާވަލު ނުވަތަ ވޯކް ޕްލޭނާއި، މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ކޯހުގައި ބައިވެރިވާނެ ފަރާތްތައް ހޮވާނެ މިންގަނޑުތަކާއި، ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ދާއިރާތަކުން ދިވެހި ފަންނުވެރިން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފެނާއި ނަރުދަމާގެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން އުފެއްދުމަކީ މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން