ޤަތަރަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތްގުޅުމެއް ބައްވަމުން އަންނަ ޤައުމެއް ކަމަށް ދިވެހި ޚާރިޖިއްޔާ އިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޚާއްސަ ކަވަރޭޖެއްގައި ވާހަކަދައްކަވަމުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޙަމީދުއެވެ.
ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޙަމީދު ވިދާޅުވީ، އިސްލާމީ ބަދަހިގުޅުން ދެޤައުމުގެ ދެމެދުގައި އޮތްއިރު، އެކި ދުވަސްވަރު ޤަތަރުން ރާއްޖެއަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ޤަތަރުން ވެދީފައިވާ އެހީތައް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ ބޮޑު އެއް ބައިވެރިއަކީ ޤަތަރު އެއަރވޭސްކަން ފާހަގަކުރައްވައި، އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށިގެން އައި ތާރީޚީ ގޮތް ސްޓޭޓް މިނިސްޓަރ ހިއްސާކުރެއްވިއެވެ. އެގޮތުން އެ އެއަރލައިންގެ ދަތުރުތައް ފެށިއިރު ވައިޑްބޮޑީގެ ބޮޑެތި ބޯޓުތައް ނެތް ނަމަވެސް، އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމުގެ މަތިން ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ އިރުޝާދުފުޅުގެ ދަށުން ރާއްޖެއަށް ދަތުރުތައް ފެށިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޤަތަރު އެއަރވޭސްގެ ދަތުރުތައް ފެށިގެންދިޔަ ގޮތާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ: "ޤަތަރު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، އެއަރލައިނަކީ ލީޑިން އެއަރލައިނެއް ނޫން. ރާއްޖެއަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރިއިރު ނޭނގެ އޭރު ދަތުރުފެށޭނެ ދުވަހެއްވެސް. ރައީސް މައުމޫން ޤަތަރަށްކުރެއްވި ދަތުރުފުޅެއްގައި އަމީރަށް މިތަފްސީލްތައް ހިއްސާކުރެއްވުމުން ވިދާޅުވީ މުސްލިމު ޤައުމަކާއި މޫނުކެނޑެން ނޭދެމޭ، އެހެންކަމުން ގެއްލުންވިޔަސް ދަތުރުތައް ފަށާށޭ ދެންނެވި، އެހިސާބުން ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުނީ."
މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަދި އިތުބާރު ހުރި ގުޅުން ހާމަކޮށްދޭ ރަމްޒެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. ޤަތަރަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް ޤައުމެއްކަން މި ވާހަކަތަކުން ވަނީ ހާމަވެފައެވެ.