މިސަރުކާރުންދާނީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާބޭލުމަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވަމުން: ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިސަރުކާރުންދާނީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާބޭލުމަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވަމުން: ސައީދު

މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާ ބޭލުމަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މުޙައްމަދު ސަޢީދު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ފުނިޖެހެމުން އައިކަން މީގެ ކުރީގެ ސަރުކާރުތަކަށް ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހުމުގެ މައްސަލަ ކަމަށެވެ.

ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވެދިޔަ ތާނގައި ސަރުކާރުތައް އައިސް ގޮސް ޒަމާން ބަދަލުވިއިރުވެސް، މި މައްސަލަ އޮތީ އެއް ހިސާބެއްގައި ތާށިވެފައެވެ. އަދި މިހާތަނަށް އެކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު އެކަން ބަދަލުކޮށް، އަމަލީ ސިފަ ޖައްސަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "މިއަދު އެކަންވެސް އެދަނީ ބަދަލުވަމުން، ޢަމަލީ ސިފަޖެހެމުން، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އެގެންދަވަނީ މިބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވަމުން،" ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ނޮވެންބަރު 2027 އަށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ދާއިމީ ހައްލެއް ލިބެންދެން މުދާ ބޭލުމުގެ ކަންކަން އަވަސްކުރުމަށްޓަކައި ވަގުތީ ގިނަ އިންތިޒާމްތަކެއް ހަމަޖައްސައި، މިހާރުވެސް އެދެވޭ ހައްލުތަކެއް ހޯދެމުންދާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން