ޤަތަރުގެ ތަރައްޤީގެ މޭސްތިރި: އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤަތަރުގެ ތަރައްޤީގެ މޭސްތިރި: އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ

ޤަތަރަކީ ބައިނަލްއަޤުވާމީ މައިދާނުގައި ނުފޫޒުގަދަ އަދި މުއްސަނދި ބާރަކަށް ހެއްދެވުމުގައި ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަދާކުރެއްވީ ނުހަނު މުހިންމު ދައުރެކެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ޤަތަރު ވަނީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

ޝައިޚް ޙަމަދު ވަނީ ހަކަތައިގެ ދާއިރާ، ޚާއްޞަކޮށް ގުދުރަތީ ގޭހުގެ ސިނާޢަތް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމާއި، ސިއްޙަތާއި، ކުޅިވަރު ފަދަ ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވައި ޤައުމުގެ އުމްރާނީ ތަރައްޤީ އާ އުސްމިންތަކަކަށް ގެންގޮސްދެއްވިއެވެ. އަދި ޢަރަބި ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާ ނެޓްވޯކް ކަމަށްވާ "އަލްޖަޒީރާ" އުފެއްދެވުމަކީ ދުނިޔޭގެ މަސްރަޙުގައި ޤަތަރުގެ އަޑު އިއްވުމަށް އެމަނިކުފާނު އެޅުއްވި ވަރުގަދަ ފިޔަވަޅެކެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި ޤަތަރަކީ ސުލްޙަވެރި ޙައްލުތައް ހޯދައިދޭ މެދުވެރިއެއްގެ ދައުރު އަދާކުރާ ޤައުމަކަށް ހެއްދެވީ ޝައިޚް ޙަމަދެވެ. ލުބުނާނާއި، ސޫދާނާއި، ފަލަސްޠީނު ފަދަ ޤައުމުތަކުގެ ދާޚިލީ މައްސަލަތައް ޙައްލުކުރުމުގައި އެމަނިކުފާނު އިސްކޮށް އުޅުއްވިއެވެ. ޚާއްޞަކޮށް ޣައްޒާގެ ޙިޞާރު މުގުރާލައްވައި އެ ތަނަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޢަރަބި ލީޑަރުގެ ޝަރަފު ހޯއްދަވައި، ޢަރަބި ރައްޔިތުންގެ މިނިވަންކަމާއި ކަރާމާތަށް ވަކާލާތުކުރާ މިނިވަން ސިޔާސީ ޝަޙުސިއްޔަތެއް ޤަތަރަށް ހޯއްދަވައިދެއްވިއެވެ.

ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ ޒަމާނީ ޤަތަރުގެ ބާނީއެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ޤަތަރު މިއަދު އޮތީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ އިޙްތިރާމް ލިބިގެންވާ ޤައުމުތަކުގެ ސަފުގައެވެ.

މިއަދު އޮންލައިން