އަނބިމީހާއަށް ފިރިމީހާގެ ކިބައިން ކަމެއް ކުރިމަތިވެއްޖެނަމަ ގޮތްނިންމުމުގެ ކުރިން ފުރަތަމަވެސް ބަލަންވާނީ ފިރިމީހާ ތިމާއާއިމެދު ޢަމަލުކުރަމުން އަންނަ ގޮތަށެވެ. އެހެނީ ހެޔޮކޮށް ހިތަމުން އަންނަ ހެޔޮލަފާ ފިރިއެއްގެ ކިބައިންވެސް ކަމެއް ކުރިމަތިވެދާނެއެވެ.
ބައެއް އަނބިންނަށް ހެދޭގޮތަކީ އެކަން މެދުވެރިވި ސަބަބު ދެނެގަނެ ޙައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެވާހަކަ އެކުވެރިންނަށް ޙިއްޞާކުރުމެވެ. އެއަށްފަހު އަމިއްލަ ވިސްނުމުން ކަންކަން ކުރުމުގެ ބަދަލުގައި އެކުވެރިޔާ ނުވަތަ އެކުވެރިން ބުނާ ގޮތަށް ކަންކަން ކުރެވެނީއެވެ.
ވިސްނަންވީ ކަމަކީ ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއް ޙައްލުކުރެވޭނީ އެގޮތަކުން ނޫން ކަމެވެ. އަނެކާގެ ފިރިމީހާގެ މިޒާޖާއި އުޅޭ ގޮތާއި ކަންކަންކުރަމުން އަންނަ ގޮތް ތިމާގެ ފިރިމީހާއާއި ތަފާތުނަމަ އަނެކާ ކަންކަން ޙައްލުކުރަން ކަންތައްކުރާ ގޮތަށް ކަންކަން ކޮށްގެން ނުކުންނަ ނަތީޖާ މާނުބައިވެސްވެދާނެއެވެ.
ތިމާގެ ބައިވެރިޔާއަކީ ހެޔޮލަފާ މީހަކުނަމަވެސް ތިމާގެ ހިތް ނުއެދޭ ގޮތަށް ކަމެއް ކުރެވިދާނެއެވެ. އެޙާލަތުގައި އިސްކުރަންވާނީ އަމިއްލަ ވިސްނުމެވެ. ފުރތަމަ ކަމަކަށް އެކަން މެދުވެރިވި ސަބަބު ދެނެގަންނާށެވެ. ދެމީހުން މަޝަވަޜާކުރާށެވެ. އެކަމުގެ ފައިދާ ވަރަށް ބޮޑުވެއެވެ.
އަހުރެންނަށް އެނގޭ ކިތަންމެ ދެމަފިރިއަކަށްވެސް މިފަދަ ކަންކަން ކުރިމަތިވެއެވެ. ފިރިމީހާއަށް ބައެއް ފަހަރު ވިސްނާނުލައިވެސް ކަންކަން ކުރެވެއެވެ. އެކަން ވިސްނުމުން ކުރިއަށްވުރެ ހެޔޮކޮށް ކަންކަން ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ދެމީހުންގެ މެދުގައި ލޯބިއިތުރުވެއެވެ.
މިވާހަކަކޮޅަށް ދެމަފިރިންވެސް ސަމާލުކަންދޭށެވެ. އަނބިމީހާއަށްވެސް މިބުނި މަގުން ކަމެއް ކުރެވިދާނެއެވެ. އެޙާލަތުގައި ފިރިމީހާވެސް ހަމަ މިބުނި މަގުން ކަންކަން ކުރާށެވެ. އެއިރުން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން