ދަރިން ގޯސްކުދިންނަށް ބަދަލުވާ ސަބަބު-: ފިރިހެން ދަރިފުޅުވީމާ ސަމާލުކަން ނުދިނަސް ހިތްވަރު ލިބިގަންނާނެކަމަށް ވިސްނުނު މަންމައަކަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދަރިން ގޯސްކުދިންނަށް ބަދަލުވާ ސަބަބު-: ފިރިހެން ދަރިފުޅުވީމާ ސަމާލުކަން ނުދިނަސް ހިތްވަރު ލިބިގަންނާނެކަމަށް ވިސްނުނު މަންމައަކަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

ވަރިކޮށްލާފައި ފިރިމީހާ ގެއިން ނުކުމެގެން ދިއައިރު 4 ދަރިން ތިއްބެވެ. ދޮށީ ފިރިހެން ދަރިފުޅެވެ. އޭނާގެ ޢުމުރަކީ 14 އަހަރެވެ. ހަގަށްތިބީ 8 އަހަރުން ދަށުގެ 3 އަންހެންކުދިންނެވެ.  

ބައްޕަ އެގޮތަށް ކަންތައްކުރުމުން ދަރިންނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެންމެ ބޮޑަށް އަސަރުކުރީ އަތުގައި އެއްވެސް ފައިށާއެއް ނެތުމުންނެވެ. އެހެންވެ މަންމަ އައީ ދަރިންނަށް ވަރަށް ބޮޑަށް ހިތްވަރުދެމުންނެވެ. އަބަދުހެން ލޯބިދީ ނަޞީޙަތްދެމުންނެވެ. ނަމަވެސް އަންހެން 3 ކުދިންނަށެވެ. ފިރިހެންދަރިފުޅަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.  

ނަތީޖާއަކަށްވީ ކުއްޖާ ގެއިން ބޭރުގައި ގިނަ ވަޤުތުހޭދަކުރަންފެށުމެވެ. ރޭގަނޑުވެސް ލަހުން ގެއަށް އަންނަން ފެށުމެވެ. އެކަންކަމަށް ކެތްނުކުރެވިގެން ދަރިފުޅާއި ސުވާލުކުރުމުންވެސް ޖަވާބެއް ނުދެއެވެ.  

އެއްރޭ ދަރިފުޅު ގެއަށް އައުމުން ކާންދީފައި ގެނެސް ގާތުގައި ބައިންދާފައި ރޮއި ކަރުނައަޅަމުން ސުވާލުކުރީމާ ދަރިފުޅު ބުންޏެވެ. "މަންމާއެވެ! މިގޭގައި އަހުރެންނަށް ސަމާލުކަންދެނީ ކާކުހެއްޔެވެ؟ އަހުރެން ކޮއްކޮމެންނަށް މަންމަ ލޯބިދޭތީ ނަފުރަތުކުރަނީއެއް ނޫނެވެ. އެކަމަކު އަހަރެންނަށްވެސް ސަމާލުކަމާއި ލޯބިބޭނުންވާނެ ނޫންހެއްޔެވެ؟ ގޭގައި ހުރީމާ މަންމަ ކުރާ ކަންކަން ފެނި މަންމައާއި ކޮއްކޮމެންދެކެ ރުޅިއައުދެވެއެވެ. ނަފްރަތުކުރެވެއެވެ. ބޭރުގައި އުޅުނީމާ އެކަމަށް ވިސްނާކަށް ނުޖެހެއެވެ.  

މަންމަ ބުރަ މަސައްކަތްކޮށްގެން އަޅުގަނޑަށްވެސް ކިޔަވައިދޭތީ އަޅުގަނޑަށްވެސް އަޅައިލާކަން އެނގެއެވެ. އެވަރަކުން ނުފުދެއެވެ. މަންމަގެ ލޯބިވެސް ބޭނުންވެއެވެ. މަންމަގެ ސަމާލުކަންވެސް ބޭނުންވެއެވެ."  

ވަރަށް ދެރަވެފައި މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! މަންމައަށް ނުވިސްނުނީއެވެ. ކަންބޮޑުވާކަށް ދަރިފުޅަކަށް ނުޖައްސާނަމެވެ. މަންމަގެ ހުރިހާ ކަމެއް ބަދަލުކުރާނަމެވެ. މަންމަގެ ހުރިހާވެސް އުންމީދަކީ ތިއައީއެވެ. ކޮއްކޮމެންނަކީ ބޮޑުވެ ކައިވެނިކޮށްގެން މަންމަ ދޫކޮށްފައިދާނެ ބައެކެވެ."  

އެންމެން ކަމަކަށް ނުބުނަމެވެ. ނަމަވެސް ވަރަށް ގިނަ މައިންނަށް މިބޮޑު ގޯސްހެދެއެވެ. ލޯބިވިނަމަވެސް ސަމާލުކަންދިނުމާއި ލޯބިދިނުމުގައި ފިރިހެންކުދިންނަށް ސަމާލުކަންކުޑަކުރެއެވެ. އެކަން އިޞްލާޙްކުރާށެވެ! ނޫންނަމަ ހަސަދަވެރިކަމަކަށްވުމުގެ އިތުރަށް އެއީ ފިރިހެންދަރިން ތިމާގެ އަތުން ބީވެގެންގޮސް މުބައި މަގުތަކުން ދިއުމަށް މެދުވެރިވާ ސަބަބެކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން