ރާއްޖޭގެ 37 ރަށެއްގެ މީރު ފެން ފަށަލައިގެ ހާލަތު ހުރި ގޮތް ބެލުމަށްޓަކައި ޚާއްޞަ ދިރާސާތަކެއް ކޮށް ނިމިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ދިރާސާތަކަކީ ރަށްރަށުގެ ފެނުގެ ވަޞީލަތްތައް ދެނެގަނެ، އެ ވަޞީލަތްތައް ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުސްޠަފާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުގެ ފެނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެ ވުޒާރާއިން މެދުނުކެނޑި ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް 37 ރަށެއްގެ ތަފްޞީލީ އެސެސްމަންޓުތައް ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފެނުގެ ވަޞީލަތް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތްކުރަން. މިގޮތުން މިހާތަނަށް 37 ރަށެއްގެ ޑީޓެއިލްޑް އެސެސްމަންޓުތަކެއްވާނީ ހެދިފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މީރުފެން ހުރި މިންވަރު ދެނެގަތުމަށް މަސައްކަތްކުރާނެ،" މުސްޠަފާ ވިދާޅުވިއެވެ.
ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން، ރަށްރަށުގައި ހުރި މީރު ފެނުގެ ވަޞީލަތްތައް ހިމާޔަތްކުރުމަކީ ޤާނޫނުއަސާސީން އެ ވުޒާރާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ފެން ފަށަލައަށް އަންނަ ބަދަލުތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަޞީލަތްތައް ބޭނުންކުރުމަށް މަގުފަހިކުރުމެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެން ފަށަލައިގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުގެ ސަބަބުން ފެނުގެ ވަޞީލަތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ދެކެއެވެ.