ކުޑަރިކިލު އައިސް ޕްލާންޓް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ގާއިމްކޮށް ހިދުމަތްދޭން ފެށޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކުޑަރިކިލު އައިސް ޕްލާންޓް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ގާއިމްކޮށް ހިދުމަތްދޭން ފެށޭނެ: ވަޒީރު

ބ. ކުޑަރިކިލުގައި އައިސް ޕްލާންޓް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ގާއިމްކޮށް، އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، ރައީސުލްޖުމަހޫރިއްޔާ ބ. ކުޑަރިކިލަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުޑަރިކިލުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވަނީ ކޮން ތާރީހެއްގައިތޯ މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް އައިސް ލިބުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން މިފްކޯގެ ދަށުން ހިންގަމުންދިޔަ އައިސް ޕްލާންޓްތައް ފެނަކައަށް ބަދަލުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ވަރަށް ބޮޑު "މުސީބާތެއް" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކުޑަރިކިލުގެ އައިސް ޕްލާންޓްގެ މަސައްކަތް ނިންމައި މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދޭން ފެށުމެވެ. މިއީ އެ ސަރަހައްދުގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މިއަދު އޮންލައިން