ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަން ސަރވިސަސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިން ޔުނިޓްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު (EOI) މިއަދު ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އައިލެންޑް އެވިއޭޝަނުން ބުނި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުންނެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ހޮވޭ ފަރާތަކުން އައިލެންޑް އެވިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފްލެޓްތައް ޑިޒައިންކޮށް އިމާރާތް ކުރަން ޖެހޭނެއެވެ. މިއީ އެ ކުންފުނީގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ހުޅުމާލޭގައި މި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމަށްޓަކައި އައިލެންޑް އެވިއޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢަށް އެޗްޑީސީން ކަނޑައަޅާފައިވަނީ 20,819 އަކަފޫޓުގެ ބިމެއް ކަމަށް އައިލެންޑް އެވިއޭޝަނުން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢު ނިމުމުން އައިލެންޑް އެވިއޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ހުޅުމާލެއިން ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ލިބިގެންދާނެއެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.