އުސްގެކޮޅު: ރާއްޖޭގެ ތާރީޚީ ތަރިކައެއް - ބެލެހެއްޓުމުގައި އިހުމާލުވުމަކީ ހިތާމައެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އުސްގެކޮޅު: ރާއްޖޭގެ ތާރީޚީ ތަރިކައެއް - ބެލެހެއްޓުމުގައި އިހުމާލުވުމަކީ ހިތާމައެއް!

އުސްގެކޮޅަކީ ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް ދައްކުވައިދޭ އެންމެ މުހިންމު އެއް ބިނާއެވެ. މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި މި އިމާރާތަކީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ތަރިކައެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިއަދު ފެންނަން ހުރި ހަމައެކަނި ނިޝާނެވެ. މިފަދަ އަގުހުރި ތަރިކައެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވީ ނަމަވެސް، މި ފަހަކަށް އައިސް މި ބިނާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިމާރާތުގެ ފާރުތަކުގައި ކުރެހުންތައް ކުރަހައި، ބޭއަދަބީ ބަސްތައް ލިޔެ، ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު އެތަނަށް ވަދެފައިވެއެވެ. އަދި އެތަނުގެ ތެރޭގައި ނަޖިސްކޮށްފައި ހުރުމަކީ ދިވެހި ތާރީޚަށް ދެވުނު ވަރަށް ބޮޑު އިހާނެތިކަމެކެވެ. މިފަދަ ހާލަތަކަށް އުސްގެކޮޅު ވެއްޓިގެން ދިޔުމަކީ މުޅި ގައުމު ހިތާމަކުރަންޖެހޭ ކަމެކެވެ. އުސްގެކޮޅަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި، އެ ބިނާ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރިކަ އިޔާދަކުރުމުގެ ސިޔާސަތުގެ ދަށުން، މި ތަން 'އިމަރސިވް މިއުޒިއަމް' އެއްގެ ގޮތުގައި ތަރައްގީކޮށް އާންމުންނަށް ހުޅުވާލުމެވެ. މިއީ މިފަދަ އާސާރީ ބިނާތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އުސްގެކޮޅަކީ ހަމައެކަނި އިމާރާތެއް ނޫނެވެ. އެއީ ދިވެހިންގެ ކާބަފައިންގެ ހުނަރާއި، ދިވެހި ރަސްކަމުގެ ހައިބަތު ރަމްޒުކޮށްދޭ ދިރިހުރި ހެއްކެކެވެ. އެހެންކަމުން، މިފަދަ ތަންތަން ހިމާޔަތްކޮށް، އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަކީ ދައުލަތުގެ އިތުރުން ކޮންމެ ދިވެހި ރައްޔިތެއްގެވެސް ވާޖިބެކެވެ. އުސްގެކޮޅު އާބާތުރަ ފިލުވައި، ދާރުލްއާސާރެއްގެ ގޮތުގައި ތަރައްގީވުމަކީ ދިވެހި ތަރިކައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން