އެއީ ތަނަވަސް ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާ ލޯބީގެ ގޮތުން ގުޅުނީ އެމީހުންގެ ރިޒޯޓުގައި އާދައިގެ ވަޒީފާއެއް އަދާކުރާ ޒުވާނަކާއެވެ. އެކަން ބައްޕައަށް އެނގެއެވެ. ދެމީހުންގެ މެދުގައި ބީހުމުގެ ގުޅުމެއް ނުހިންގާތީ އެނގޭކަމަށް ނުހަދައި ހުރީއެވެ.
ދުވަސްކޮޅެއްފަހުން ދަރިފުޅު ކައިވެނީގެ ހުއްދައަށް އެދުމުން ފިރިހެން ކުއްޖާވެސް ގެނުވިއެވެ. މާގިނަ ޥާހަކަތަކެއް ނުދައްކައި ޒުވާނާއަށް ދިއްކޮށްލީ 1 މިލިއަން ޑޮލަރުގެ ޗެކެކެވެ. އެއީ މިހާރަށް ބަލައިފިނަމަ 20 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
ދިއްކުރަމުން ބުންޏެވެ. "އަހުރެން މިދެނީ ފުރުޞަތެކެވެ. މިވަރުގެ ފުރުޞަތެއް ދެން ކަލެއަށް ނުލިބިދާނެ ވަރުގެ އަގުހުރި ފުރުޞަތެކެވެ. މިއޮޓީ 1 މިލިއަން ޑޮލަރެވެ. ބޭނުންކޮށްފައި އަހުރެންގެ ދަރިފުޅާއި ވަކިވާށެވެ. އަމިއްލަ ވިޔަފާރިއެއް ފަށައި ތަނަވަސް މީހަކަށްވާށެވެ. އަހަރެންގެ ދަރިފުޅަށްވުރެ މާރީތިކުދިންވެސް ލިބޭނެއެވެ."
ޒުވާނާ ވިސްނާލަން މަޑުކޮށްލުމަށްފަހު ބުންޏެވެ. "ތިއައީ އެއް މިލިއަން ނޫންތޯއެވެ؟ ފަހަތަށް ދެސުން އިތުރުކޮށް 100 މިލިއަން ޑޮލަރު ދިނަސް ތިއަ ޝަރުޠު ޤަބޫލުކުރާކަށް ނެތީމެވެ. ޒީބާ އާއި ދުރަކަށް ނުދާނަމެވެ. އަޅުގަނޑު ވަޒީފާއިން ވަކިކޮށް ރެޒޯޓުން ފޮނުވައިލެވިދާނެކަންވެސް އެނގެއެވެ. ޒީބާ އެހެން ޤައުމަކަށް ފޮނުވައިލެވިދާނެކަންވެސް އެނގެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އަޅުގަނޑުގެ ހިތުގައި ޒީބާގެ މައްޗަށް އޮތް ލޯތްބަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ." ބައްޕަ ބުނީ ރަނގަޅަށް ވިސްނަން 3 ދުވަސް ދީފިން ކަމަށެވެ.
3 ދުވަސްކޮށްފައި ބައްދަލުކޮށް ސުވާލުކުރުމުންވެސް ޒުވާނާ ދިނީ ހަމައެޖަވާބެވެ. "އަޅުގަނޑަށް ވަޒީފާ ގެއްލުނަސް އަދި ބައްޕަ ނުރުހޭތީ ޒީބާ އާއި ކައިވެނި ނުކުރެވި ޒިބާ ގެއްލުނަސް އަޅުގަނޑުގެ ނިންމުން ދެމިއޮންނާނީ ހަމަ މިގޮތަށެވެ."
ބައްޕައަށް ފުންމައިގެން ތެދުވެވުނެވެ. ރުޅިއަކުން ނޫނެވެ. އުފަލުންނެވެ! "ދެކުދިން ބޭނުންވާ ދުވަހަކު ބޭނުންވާ ފެންވަރެއްގައި ބޭނުންވާ ތަނެއްގައި ކައިވެނިކުރަން ނިންމާށެވެ. ހުރިހާ ޚަރަދެއްކުރާނީ ބައްޕައެވެ. ބައްޕަގެ އޮތީ އެންމެ އެދުމެކެވެ. އެއީ ދަރިން ލިބެންދެން ދެމަފިރިން ރިޒޯޓުގައި ބައްޕަގެ ގާތުގައި ތިބުމެވެ. އެއީ ތިބި 2 ފިރިހެންދަރިންގެ އެޙީތެރިކަން ބައްޕައަށް ނުލިބޭތީއެވެ. މިއުޅެނީ ޗުއްޓީއަކަށްވެސް ރާއްޖެ ނުގެނެވިގެންވެ."
މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. މީގެ 3 އަހަރުކުރީގެ ވާހަކައެކެވެ. އެއިރު ބައެއް މީހުން ބުނީ ޒުވާނާ އެގޮތަށް ބުނީ އަންހެންކުއްޖާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކަމަށެވެ. ނަމަވެސް އެވާހަކަ ދެކޮޅެއް ނުޖެހެއެވެ. އެއީ ވަޒިފާއިން ވަކިކޮށް ފޮނުވައިލުމުގެ ފުރުޞަތުވެސް އޮތެވެ. ދުވަހަކު ދެމީހުންނަށް ބައްދަލުނުވެވޭނެ ގޮތް ހެދުމުގެ ފުރުޞަތުވެސް އޮތެވެ. އެއިން ގޮތެއް މެދުވެރިވިނަމަ ޖެހޭނީ ހިތާމައިގައި ހުންނަންކަންވެސް ޒުވާނާއަށް ވިސްނެއެވެ. ވީމާ އެނިންމުން ޒުވާނާ ނިންމީ އެރަޙުމަތް އޭނާއަށް ލައްވަޥާނެ ކަމުގެ ޔަޤީންކަން އޮވެގެނެއް ނޫނެވެ. ހަމަ ތެދުވެރި ލޯބީގެ ބާރުގައެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް