މައިން ބަފައިންނަށް ޚިދުމަތް ކުރުމަކީ ސުވަރުގެ ދެވެން އޮތް ވަރަށް ފަސޭހަ މަގެކެވެ. ޚާއްޞަކޮށް އެމީހުންގެ މުސްކުޅި އުމުރުގައެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން މައިންބަފައިންގެ މުސްކުޅި އުމުރުގައި އެމީހުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބެނީ މަދު މީހަކަށެވެ. ލިބޭ މީހުންގެ ތެރެއިން ގިނަ ބައަކަށް މައިންބަފައިންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބެނީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ.
މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި އެމީހުންދެކެ ލޯބިވުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ވީމާ މައިންބަފައިންދެކެ ލޯބިވުމުގެ ގޮތުންވެސް އެންމެ ފަސޭހައިން ކުރެވެން އޮތް އެއް ކަމަކީ އެމީޙުންނަށްޓަކައި ހެޔޮދުޢާކުރުމެވެ.
މައިންބަފައިންނަށް ހިތުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުން އެކަލާނގެ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. ތިބާއަށް ރަޙްމަތް ލައްވަވައި ނިޢްމަތްތައް އިތުރުކުރައްވަވާނެތެވެ.
ވީމާ ވީހައި ގިނައިން މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! ތިމާއަށްޓަކައި ދުޢާކުރާ ކޮންމެ ފަހަރަކުވެސް މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ. ކޮންމެ ނަމާދެއްގައިވެސް އަދި ނަމާދު ފަހުންވެސް މއަިންބަފައިންނަސްޓަކައި ހެޔޮ ދުޢާކުރާށެވެ.
ސުވަރުގެ ވަދެވިފައި ތިއްބާވެސް ސުވަރުގޭގައި މީހުންގެ ދަރަޖަ އުފުލި މަތިވެރިވެގެންދެއެވެ. އެހިނދު އެމީހުން ކުރި ކަމަކާއި ނުލައި އެމީހުންގެ ދަރަޖަ މަތިވެރިވެގެން ދިއަ ގޮތާއިމެދު ސުވާލުކުރާނެއެވެ. ޖަވާބުގައި ބުނެވޭނެތެވެ. "އެއީ ތިއަބައިމީހުންގެ ދަރިންކުރި ހެޔޮ ދުޢާއިންނެވެ."
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
މިއީ ސަޖިދައިގައިވެސް ކުރެވިދާނެ ދުޢާއެވެ. މިފަދަ އެތައް ބައިވަރު ދުޢާތައް ޤުރްއާނާއި ސުންނަތުން ފެންނަން އެބަހުއްޓެވެ.
މައިންބަފައިންނަށް ބަލާށެވެ! ދަރިން ދެއްވެވުން އެދި މައިން ބަފައިން ދުޢާކުރެއެވެ. ބަލިވެ އިނުމުން ދަރިންނަށްޓަކައި ދުޢާކުރެއެވެ. މައިންބަފައިން އެމީހުންގެ މުޅި އުމުރުގައިވެސް ދަރިންނަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. ވީމާ އަހަރެމެންގެ މުޅި އުމުރުގައި ދުޢާކުރި ނަމަވެސް އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށްޓަކައި ދުއާކުރި ވަރަށް ދުޢާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން