އަޅުކަންކުރުމުގައި ހީވާގިވެލާއިރަށް ޝައިޠޯނާ ވިސްނައިދޭނީ ތިބާއަށް ކުރެވިފައިވާ މިވެނި، އެވެނި ފާފަތަކެއްގެ ސަބަބުން ތިބާކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ. ނަމަނަމަ އެބަސް ޤަބޫލުނުކުރާށެވެ! ތެދުވެރިހިތަކުން ﷲ ތަޢާލާއަށް ކުރާ އަޅުކަމުން ފައިދާ ނުކުރާނެ ގޮތެއް ނެތެވެ. އިޚްލާޞްތެރިކަމާ ތެދުވެރިކަން އިސްކުރީމާ އުނިވާ ބައަށް ޢަފޫވެސްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ
ގުޅުންހުރި ލިޔުމެއް-:
الحديث الرابع:
عَنْ أَبِي عَبْدِ الرَّحْمَنِ، عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلم – وَهُوَ الصَّادِقُ الْمَصْدُوقُ -: ((إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ.
ثُمَّ يُرْسَلُ إلَيْهِ الْمَلَكُ، فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٌّ أَمْ سَعِيدٌ. فَوَالَّذِي لَا إلَهَ غَيْرُهُ! إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا.
وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا))
[رَوَاهُ الْبُخَارِيُّ، وَمُسْلِمٌ]
ހަދީސްގެ މާނަ:
މާނައީ: އަބޫ ޢަބްދުއްރަޙްމާނު، ޢަބްދުﷲ ބުން މަސްޢޫދު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ތިމަންބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. – އެކަލޭގެފާނަކީ އެކަލޭގެފާނުގެ ބަސްފުޅު ތެދު، އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެވޭ ސާހިބާއެވެ. – "ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ (ކޮންމެ) މީހަކު، އޭނާގެ މަންމަގެ ބަނޑުގައި (ރަޙިމުގައި) ސާޅީސް ދުވަސް ވަންދެން (ނުޠުފާއެއް، މަނިތިއްކެއްގެ ގޮތުގައި) އޭނާގެ ޚަލްޤު އެކުލެވިގެންދެއެވެ. އެއަށްފަހު ގަނޑު ލޭކޮޅެއް ގޮތުގައި އެހައި ދުވަހެވެ. އެއަށްފަހު މަސްކޮޅެއް ގޮތުގައި އެހައި ދުވަހެވެ.
އެއަށްފަހު، މަލާއިކަތަކު ފޮނުއްވޭނެއެވެ. އަދި އޭގައި ފުރާނަ އަޅުއްވާނެއެވެ. އަދި އެ މަލާއިކަތާއަށް ހަތަރުކަމެއް (ލިޔުއްވުމަށް) އަމުރުކުރެވޭނެއެވެ÷؛ އެއީ އޭނާގެ ރިޒްޤާއި އަޖަލާއި ޢަމަލާއި އަބާއްޖެވެރިއަކުކަމުގައިވުމަށް ނުވަތަ ބާއްޖަވެރިއަކުކަމުގައިވުމަށެވެ. ފަހެ އެއިލާހު ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާ ފަރާތް ގަންދެއްވަމެވެ. (އެބަހީ: ﷲ ތަޢާލާ ގަންދީ ޙަދީޘްކުރައްވަމެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް ވަދެއެވެ.
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ނަރަކަވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ނަރަކައާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ސުވަރުގެވަންތަވެރިންގެ ޢަމަލުކޮށް ސުވަރުގެ ވަދެއެވެ."
މި ހަދީޘް ޝަރަޙަކޮށްދެއްވަމުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.
ސޫރަތުލް ކަހުފުގެ 30 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
(إِنَّا لا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا) [الكهف:30]
މާނައީ: "ހަމަކަށަވަރުން، ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ތިމަންއިލާހު ގެއްލެނި ނުކުރައްވާހުށީމެވެ."
މިއާޔަތުން އެނގޭގޮތުގައި އިޚްލާސްތެރިކަމާއެކު ހެޔޮ ޢަމަލުކުރާމީހެއްގެ ޢަމަލުތައް ޤަބޫލުވެވިގެންވެއެވެ. ކަންމިހެންއޮތްއިރު މި ހަދީސްގައި "ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް ވަދެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ނަރަކަވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ނަރަކައާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ސުވަރުގެވަންތަވެރިންގެ ޢަމަލުކޮށް ސުވަރުގެ ވަދެއެވެ."
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ދެ ގޮތަކަށް ދެވިދާނެއެވެ.
ޖަވާބު ދެވިދާނެ ފުރަތަމަ އުސްލޫބު: ސުވަރުގެ ވަނުން ބިނާވެފައިވަނީ ޢަމަލުތައް ޤަބޫލުވުމާއި حسن الخاتمة (ހެޔޮ ނިމުމުގެ) މައްޗަށެވެ. އީމާންވެ އިޚްލާސްތެރިކަމާއެކު ޞާލިޙު ހެޔޮ ޢަމަލުކޮށްފިމީހާ ހެޔޮ ރަނގަޅުގޮތެއްގައި ނޫނީ ނިމިގެން ނުދާނެއެވެ.
ޖަވާބުދެވިދާނެ ދެވަނަ އުސްލޫބު: سوء الخاتمة (ނުބައި ނިމުން) ލިބުންވަނީ ރަނގަޅު ނޫންގޮތްގޮތަށް ޢަމަލުކުރި މީހުންނަށެވެ. މިސާލަކަށް ދެއްކުންތެރިކަމާއި މަޝްހޫރުވުމުގެ ނިޔަތުގައި ހެޔޮ ޢަމަލުކޮށްފިނަމަ އޭނައަށް ލިބޭނީ ނުބައި ނިމުމެކެވެ. މިކަން އިމާމް މުސްލިމް ގެނެސްފައިވާ ޞައްޙަ ހަދީސަކުން އެނގެއެވެ. އެހަދީސްގައިވަނީ "ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލުތައް ކުރަމުންދާނެއެވެ. (މީސްތަކުންނަށް ފެންނަ ފެނުމުގައި) އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ." މިހެންނެވެ.
ހަދީޘުން ލިބޭ ފައިދާތައް:
- އިންސާނާ މައިމީހާގެ ރަޙިމުގައި ހެދިބޮޑުވާ މަރުޙަލާތައް ބަޔާންވެގެންވުން
- ފުރާނައެޅުއްވެނީ ރަޙިމުގައި ޤަރުބަގަންނަތާ 120 ދުވަސްފަހުން ކަމުގައި އެނގުން
– މަލާއިކަތުންގެ ތެރޭގައި ރަޙިމުގައިވާ ކުދިންގެ ކަންކަން ބެލެހެއްޓެވުން ހަވާލުކުރެވިފައިވާ މަލާއިކަތުން ވާކަން އެނގުން
- މިންވަރަށް އީމާންވުމަކީ ވާޖިބެއްކަން އެނގުން
– އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އޭނާގެ އެންމެ ފަހު ޢަމަލުތަކާއި ހުރި ގުޅުން ބަޔާންވެގެންވުން
– އިންސާނާ ދިރިއުޅޭއިރު އުއްމީދާއި ބިރުވެރިކަން ޖަމަޢަކުރުމުގެ މުހިންމުކަން. އަބަދުވެސް ﷲ ގެ ހެޔޮ ރަޙްމަތަށް އުއްމީދުކުރަންޖެހޭނެއެވެ. ހަމައެގޮތަށް އެކަލާނގެ އަޒާބާއި ޢުޤުބަތަށް އަބަދުވެސް ބިރުވެތިވާންޖެހޭނެއެވެ.
– ޢަމަލުތަކަކީ ސުވަރުގެ ވަނުން ނުވަތަ ނަރަކަވަންތަވެރިޔަކަށްވުމުގެ ސަބަބެއްކަމުގައި ބަޔާންވެފައިވުން
– ހެޔޮނިމުމެއް ދެއްވުންއެދި ދުޢާކުރުމުގެ މުހިންމުކަން
– ހިދާޔަތުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ މުހިންމުކަމާއި ހިދާޔަތުގެ މަތީގައި ސާބިތުކޮށްދެއްވަވާތޯ ދުޢާކުރުމުގެ މުހިންމުކަން
– އަބާއްޖަވެރިއެއްގެ ގޮތުގައި ލިޔުއްވިފައިވާ މީހާއަށް އެނާއަކީ އަބާއްޖަވެރިއެއްކަމެއް ނޭނގޭނެއެވެ.
- މަސްދަރު: ދި ސަލަފިއްޔާ