ޢިބްރަތްތެރި ވާހަކަ: ތިބާ އިޚްލާޞްތެރިވެފަ ތަޤްވާވެރިކަންމަތީގަ އިންދާ ވަރިކޮށް މަގުމަތިކޮށްލައިފިނަމަ ޙަވާލުވާނެ މާރަނގަޅު މީހަކު ދައްކަވާނެކަން ޔަޤީންވާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 35ސ
ޢިބްރަތްތެރި ވާހަކަ: ތިބާ އިޚްލާޞްތެރިވެފަ ތަޤްވާވެރިކަންމަތީގަ އިންދާ ވަރިކޮށް މަގުމަތިކޮށްލައިފިނަމަ ޙަވާލުވާނެ މާރަނގަޅު މީހަކު ދައްކަވާނެކަން ޔަޤީންވާ ޙާދިސާއެއްގެ ވާހަކަ-

އޭނާގެ މާމަ އޭނާގެ ގާތުގައި ތަކުރާރުކޮށް ބުނަމުންދިއައީ ލޯބިވާކަމަށް ބުނާއިރަށް އެކަން ޤަބޫލުކޮށް ކައިވެނި ނުކުރުމަށެވެ. "ލޯތްބަކީ ނިކަމެތި އަންހެންކުދިން ކަތިލަން ބޭނުންކުރާ ވަޅިއަށް ކިޔާނަމެއް" ކަމަށް ގިނަފަހަރު ވެފައި އޮންނަ ކަމަށެވެ. އޭނާއަށް މާމަގެ ނަޞޭޙަތް ޤަބޫލުނުކުރެވުނުކަމުގެ ހިތިކަން ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާކުރަން ޖެހުނެވެ.  

ހަމައެފަދައިން އަނިޔާ ލިބެމުންދާ މީހުން ކުރާ ދުޢާގެ ފައިދާ ބޮޑުކަންވެސް ތަޖުރިބާ ކުރެވުނު އަންހެނެއްގެ މިވާހަކައަކީ ވަރަށް އަގުހުރި ފިލާވަޅެކެވެ. އިން ޝާ ﷲ  

އަޅުގަނޑު ނިޞްބަތްވަނީ އައްޑޫ ސިޓީއަށެވެ. އެއިރު އަޅުގަނޑު ކިޔަވަނީ ގްރޭޑް 12 ގައެވެ. އެއްދުވަހަކު ރައްޓެއްސަކަށް ފޯނުކުރަން އުޅެނިކޮށް އެއްއަކުރު ތަފާތުކޮށް ޖެހިގެން ގުޅުނީ ނުވެސް ދަންނަ ފިރިހެނަކަށެވެ. ސޮރީ ބުނުމުންވެސް އޭނާ ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ ވާހަކަ ދައްކާށެވެ. ގުޅުނީ އަޅުގަނޑަށްކަމަށްވާތީ އަޅުގަނޑު ވާހަކަދެއްކީމެވެ.  

އެހިސާބުން ދެމީހުންގެ މެދުގައި ގުޅުން އުފެދުނެވެ. ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުމެވެ. އެގުޅުމުގައި ދުވަސްތައް ފާއިތުވަމުން ގޮސް ލޯތްބަށް ބަދަލުވިއެވެ. އަދި އެއިގެ 4 އަހަރުފަހުން އޭނާ ރަށަށް އައިސް އަޅުގަނޑާއި ކައިވެނިކުރިއެވެ. މާލެގެނެސް ގެންގުޅުނެވެ.  

އޭނާއަކީ ތަނަވަސް މީހެއް ނޫނެވެ. ލިބޭ މުސާރައިން ދެކޮޅު ޖެހެނީ ހަމަކިރިޔާއެވެ. އެކަމަކާ އަޅުގަނޑު ކަންބޮޑޭއް ނުވަމެވެ. ދެރައެއްވެސް ނުވަމެވެ. އަޅުގަނޑު އުޅެ ބޮޑުވީވެސް ވަރަށް ފަޤީރު ޙާލުގައިކަމަށްވީތީއެވެ. މަންމައާއި ބައްޕައަށް ލިބުނު 8 ދަރިން ގެންގުޅެ ބޮޑުކުރީ ވަރަށް ދަތިޙާލުގައެވެ. ނަމަވެސް ވަރަށް ލޯބިންނެވެ. ދެމަފިރިންވެސް ވަރަށް ލޯބިން އުޅުމުގެ އިތުރުން ދަރިންނަށްވެސް ލޯބިދީގެންނެވެ. އެހެންވެ އަޅުގަނޑުވެސް ބޭނުންވަނީ ހަމައެކަނި ލޯތްބެވެ.

ކައިވެންޏަށް އަހަރުވީއިރު އަޅުގަނޑު އިނީ ބަލިވެއެވެ. ބަލިވެއިންތަނުން ފިރިމީހާ ބަދަލުވާން ފަށައިފިއެވެ. އަޅުގަނޑަށް ކުރެވޭ އެއްވެސް ކަމެއް ކަމުނުދާން ފަށައިފިއެވެ. ކޮށްދެވޭ އެއްވެސް ކަމެއް ރަނގަޅުނުވާތަނުގައި ކެއްކޭ އެއްޗެއްގެ ރަހަވެސް ކަމުދާކަމަކަށް ނުވެއެވެ. އަދި ބަލިވެ ނުތެދުވެވިފައި އޮންނަ ދުވަސްދުވަހުވެސް އެގޮތަށް އޮންނަނީ ކަންނެތްކަމުން ކަމަށް ބުނެ އެއްޗެތިގޮވަން ފަށައިފިއެވެ.

ދިމާވާން މިއުޅޭ ޙާލަތާއިމެދު ވިސްނާލުމުން ވަރަށް ދެރަވެއެވެ. ގިސްލާ ރޮވެއެވެ. އަޅުގަނޑު ފަޤީރު ނަމަވެސް ރަށުގެ ރަނގަޅު އެތައް ޒުވާނުންނެއް އަޅުގަނޑުގެ ކައިވެންޏަށް އެދިއެދި ތިއްބާ އަވާމެންދުރަށް ހެއްލެވި މައިންބަފައިންގެ ބަސްވެސް ޤަބޫލުނުކުރެވުނުކަމުގެ ހިތި ނަތީޖާ ފެންނަން އުޅޭކަން އެއިރު ޔަޤީންކުރެވެއެވެ. ކައިވެނިކުރަން އުޅުނުއިރު "ލޯތްބަކީ ނިކަމެތި އަންހެންކުދިން ކަތިލަން ބޭނުންކުރާ ވަޅިއަށް ކިޔާނަމެއް" ކަމަށް މާމަ އެތައް ފަހަރަކު ބުނިކަން ހަނދާންވުމުން މާމަމެންގެ ނަބޭޙަތް ޤަބޫލުނުކޮށް ކުރެވުނު މޮޔަކަންތަކާއިމެދު ވަރަށް ދެރަވެއެވެ.  

އަޅުގަނޑުހުރީ މިންވަރަށް ރުހި ވަކީލްކޮށްގެންނެވެ. ކޮންމެ ނަމާދެއްގެ ފަހުގަ އާއި ސަޖިދައިގައި އޮވެގެންނާއި ކޮންމެ ރެއަކުވެސް ގަޑި ދެގަޑިއިއރުވަންދެން "މިއަޅާއަށާއި މިއަޅާއަށް ލިބެން އުޅޭ ދަރިފުޅަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި" ދުޢާކުރަމުން ގެންދިއައިމެވެ.  

ކޮންމެއަކަސް ބަނޑަށް 4 މަހުގައި އަޅުގަނޑު ވަރިކޮށްފިންކަމަށްބުނެ ގެއިންވެސް ނެރެލައިފިއެވެ. ޒުވާން ލޯބިވެރިޔާގެ ކުރިމަތީގައި ގެއިން އަޅުގަނޑު ދަމާނެރުނީ ބަކައްޓެއްގެ ލަފުގަ ހިފައި ކޮއްޕަމުން ދަމާ ގެންދާ ގޮތަށެވެ.  

މަގުމައްޗަށް ނެރެފައި ދޮރާށި ތަޅުލުމުން މަގުމަތީގައި ހުރުން ނޫން ދެވަނަ ގޮތެއް ނެތެވެ. ދާނެ ތަނެއް ނެތެވެ. ރަށުގެ ބައެއް ރައްޓެހިން މާލޭގައި އުޅުނު ނަމަވެސް ބައްދަލުނުވާތީ އުޅޭތަނެއްވެސް ނުއެނގެއެވެ. އަދި ގުޅުން ނުބޭއްވި އޮތުމުން ފޯނު ނަންބަރެއްވެސް ނުއެނގެއެވެ. އެނގެނީ ރަށުގައި ތިބި ތިމާގެ މީހުންގެ ނަންބަރުތަކެވެ. އެމީހުންނާއި ދެކޮޅަށް ކުރި ކައިވެނީގައި މިގޮތަށް ދިމާވުމުން ގުޅަންކެރޭނީވެސް ކިހިނެއްތޯއެވެ؟  

އެހެންވެ ފޮށިމަތީގައި އިށީނދލައިގެން އިނީމެވެ. ބަނޑުހައިވެއެވެ. ފެންބޮވައެވެ. ނަމަވެސް ފެންފުޅިއެއް ގަންނާނެ ރުފިޔާއެއްވެސް އަތަކު ނެތެވެ. ފެންބޮވައިގެން ކުޑަދޫ ނުކުންނަވަރުވެފައި އިންދާ ކައިރީގައި ހުރި ފިހާރައަކުން ނުކުތް ފިރިހެނެއް ގާތު ﷲ އަށްޓަކާ ބޯފެންފޮދެއް ގަނެދީފާނަންތޯ އަހައިލީމެވެ.  

އޭނާއަވަސްއަވަހަށް ފިހާރައަށްވަދެ ފެންފުޅިއަކާއި 2،3 ޕެކެޓް ލުއިކާނާވެސް ގަނެގެން ގެނެސްދިނެވެ. އަދި އަޅުގަނޑުގެ ކަންކަމާއިބެހޭ ގޮތުން ސުވާލުކުރުމުން ކިޔައިދިނީމެވެ. އޭނާ އަނގައިންވެސް ނުބުނެ އަޅުގަނޑުގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އެވަގުތު މަގުމަތިން ދިއަ ޓެކްސީއެއް ހުއްޓުވާފައި އަރަންބުނުމުން އަޅުގަނޑު އެރީމެވެ. އިތުރު ސުވާލެއްވެސް ނުކުރަމެވެ. ސުވާލުކުރުމުގެ ފުރުޞަތު ނެތުމުންނެވެ. ހުރިހާ ކަމެއް ވަކީލްކުރީ ﷲ އަށެވެ.

އޭނާ އަޅުގަނޑު ގެންދިއައީ އޭނާގެ މަންމަ ދިރިއުޅޭ ފްލެޓަކަށެވެ. މަންމަ އާއި ޙަވާލުކޮށްފައި ރަނގަޅަށް ބަލަހައްޓަން ބުނެފައި ނުކުމެގެން ދިއައީއެވެ. އެއީވެސް އެކަނިވެރި މައެކެވެ. އަޅުގަނޑަށް ވަރަކަށް ހެޔޮކޮށް ކަންތައްތައް ކުރިއެވެ. އެމީހާވެސް ހަފްތާއަކު އެއްދުވަހުހެން އާދެއެވެ. އަޅުގަނޑަކާއި މާގިނަ ވާހަކައެއް ނުދައްކައެވެ. އަޅުގަނޑަށް ބޭނުންވާ ކަންކަން ކޮށްދެނީ މަންމަ މެދުވެރިކޮށެވެ. އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތެއް ރަށުގައި ތިބި މައިން ބަފައިން ގާތަކު ނުބުނަމެވެ. ގަތްލަދުންނާއި ވީދެރައިންނެވެ.  

އެހެން އިނދެ ވިހައި ގަދަވިތަނުން ބައްޕަ އާއި މަންމަ މާލެ އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ. ދެމަފިރިން އައީ އަޅުގަނޑަށް ލިބުނު ދަރިފުޅު ދެކެލާށެވެ. އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތް އެނގުމުން ދެމަފިރިން ބޭނުންވީ އަޅުގަނޑު ރަށަށް ގެންދާށެވެ. އެހެންވެ އެވާހަކަ އެގޭ މަންމަ ގާތުގައި ބުނި ދުވަހުގެ ރޭ އެގޭގައި އަޅުގަނޑު ބެހެއްޓައި އެހީތެރިވި އެމަންމަގެ ދަރިފުޅު އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ.  

އޭނާ ބުނީ އޭނާގެ ކުޑަ 2 ދަރިން އެބަ ތިބި ކަމަށާއި އަނބިމީހާ ވަނީ ނިޔާވެފައި ކަމަށެވެ. ދަރިން ބަލަނީ އަނބިމީހާގެ މަންމަ ކަމަށެވެ. އަދި އަޅުގަނޑު ބޭނުން ނަމަ އޭނާ އާއި ކައިވެނިކޮށްގެން ހުޅުމާލޭގައި ހުންނަ އޭނާގެ ފްލެޓުގައިވެސް އަދި އޭނާގެ މަންމަ ގާތުގައިވެސް އިނދެވިދާނެ ކަމަށެވެ.  

އަޅުގަނޑު ވިސްނީމެވެ. އެއީ އެފަދަ ބަހެއްވެސް އޭނާގެ ދުލުން އަޅުގަނޑުގާތު ބުނި ފުރަތަމަ ފަހަރެވެ. ދެމީހުންގެ މެދުގައި ލޯބީގެ ކުޅިގަނޑެއް އެއްވެސް ވަރަކަށް ނުހިނގައެވެ. ހަދިމުޑުދާރު ޢަމަލެއްވެސް ނުކުރެވެއެވެ. އެފަދަ ބަހެއްވެސް ނުބުނެއެވެ. ފުރަތަމަވެސް އެއެދުނީ ކައިވެންޏަށެވެ.  

އަޅުގަނޑަށް ވިސްނުނު ގޮތުގައި ކައިވެންޏަށް އެއެދުނީ އޭނާ އެކަން ބޭނުންވާތީއެވެ. އަޅުގަނޑަކީ އޭނާއަށް ބުރައަކަށްވެފައި އޮތްނަމަ ލިބުނު ފުރުޞަތުގައި އަވަހަށް ބޮލުން ނައްޓާލައި ރަށަށް ފޮނުވައިލާނީއެވެ. ވީމާ އޭނާ އަޅުގަނޑަށް ކޮށްދިން ބޮޑު ޚިދުމަތުގެ އަގެއްގެ ގޮތުން ނަމަވެސް ކައިވެނިކުރާނީއެވެ. އެއިރުން އޭނާއަށްވެސް ކަމެއް ކޮށްދެވުނީއެވެ. އޭނާއަކީ ނުބައި މީހަކު ނަމަ ނިކަމެތި އަންހެނަކާއިމެދު މިހައި ރަނގަޅަކަށް ކަންތަކެއް ނުކުރާނެކަމަށް ޤަބޫލުކުރެވޭތީއެވެ!  

ކޮންމެއަކަސް އަޅުގަނޑު ރުހުމުން ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން ހުޅުމާލެއަށް ގެންދަން އުޅުމުން އޭނާގެ މަންމަވެސް ބޭނުންވީ އަޅުގަނޑާއިއެކުގައި ދާށެވެ. އެހިސާބުން ހުޅުމާލޭގައި ދިރިއުޅެން ފެށީއެވެ.  

ކައިވެނި މިކުރެވުނީ ކާކާއިކަން ރަނގަޅަށް އެނގުނީވެސް ކައިވެނިކުރިފަހުންނެވެ. އޭނާއަކީ މެދުމިނުގެ ތަނަވަސް ވިޔަފާރިވެރިއެކެވެ. ބައްޕަ އާއި މަންމަގެވެސް ގެދޮރު މާލޭގައި ހުރި މީހެކެވެ. އަޅުގަނޑަށް ކުރިން މިއިނދެވުނީ އޭނާގެ މަންމަގެ ގޭގައެވެ. ބައްޕަ ވަނީ ނިޔާވެފައެވެ. ބައްޕަގެ ގޯތީގައި 5 ބުރިއަށް ގެއެއް އަޅައި ހުންނަނީ ކުއްޔަށް ދީފައެވެ.  

އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް މިހާރުވަނީ 3 ދަރިން ލިބިފައެވެ. އޭނާއަކީ ބަސްމަދު މީހެކެވެ. އެހެންވެ މާގިނަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ޢަމަލުން އެވަރުގެ ހެޔޮ ފިރިއެއް މަދުވާނެއެވެ. ކައިވެނިކުރީންސުރެ އަޅުގަނޑުގެ މައިންބަފައިންގެ ޚަރަދުތައްވެސް ބަލަހައްޓައިދެނީ އޭނާއެވެ.  

އަޅުގަނޑަށް ތަޖުރިބާ މިކުރެވުނީ އިންތިހާއަށް ލޯބިން ކައިވެނި ކުރެވުނު ބަސްގިނަ ޢަމަލާއި ޚަޞީލަތް ނުބައިކަމުން ހައްދުފަހަނައަޅާފައިވާ ފިރިއަކާއި ލޯބިނުވެ ކައިވެނިކުރެވުނު ބަސްމަދު، ޢަމަލާއި ޚަޞީލަތް އިންތިހާއަށް ރަނގަޅު ފިރިއެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑުގެ ޙަޔާތުން ތިއަބޭފުޅުންނަށް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލުވީއެވެ. އަޅުގަނޑުގެ ކުރީގެ ފިރިމީހާ ފަދަ އަނިޔާވެރި ފިރިންނަށް ބުނެލަން އޮތީ ރަށްރަށަށް ގޮސް ނިކަމެތި އަންހެނުންނާއި ކައިވެނިކޮށް އަނިޔާވެރިވާއިރު އަހަރެމެން އެންމެންނަކީވެސް ﷲ ތަޢާލާގެ އަޅުންކަމާއި އަހަރެމެން އެންމެންވެސް މިތިބީ ﷲ ތަޢާލާ ހެއްދެވި އުޑުދަށުގައިކަން ހަނދާންކުރާށެވެ! ދެރަކޮށް ނިކަމެތިކުރަން މަގުމައްޗަށް އެއްލައިލުމުން ޙަވާލުވާނެ މާރަނގަޅު ފަރާތެއް ﷲ ތަޢާލާ ދައްކަވާނެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ. 

ދެން ބުނެލަން ބޭނުމީ މާމަގެ ބަހެވެ.  "ލޯތްބަކީ ނިކަމެތި އަންހެންކުދިން ކަތިލަން ބޭނުންކުރާ ވަޅިއަށް ކިޔާނަމެއް" ކަމަށް ހަދާ މީހުން ގިނައެވެ. ނަމަވެސް އެއީ ލޯބީގެ މައްސަލައެއް ނޫނެވެ. އެއީ ހަމަ އިންސާނުންގެ މައްސަލައެކެވެ.

 

- މަރްޔަމް ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން