މިބާވަތުގެ ނަޞީޙަތް ދިނުމުން ހިތްހަމަނުޖެހޭނެ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް މިވާހަކަތައް ނުދައްކައި ތިބެވޭކަށް ނެތެވެ. ރޫޅެމުންދާ ކައިވެނިތައް ގިނަކަމުންނެވެ. ކައިވެނި ރޫޅުމުން ނިކަމެތިވާ ދަރިންވެސް ގިނަކަމުންނެވެ.
ދެމަފިރިން އެއްދާންކުރާއިރު ބޭނުންވާ އުފާވެރިކަން ލިބުމުން އަނބިމީހާ އެކަނި ދޫކޮށްލާ ފިރިން ތިބެއެވެ. ބައެއް ފިރިން ތެދުވެގެން ދެއެވެ. އަނެއްބައަކު ދުރަށް އެނބުރި ފޯނާކުޅެން ފަށައެވެ.
އެގޮތަށް އެކަން ނުކުރާށެވެ. ތިމާއަށް ބޭނުންވާ އުފާވެރިކަން ލިބުމުން އެއީ ނިމުނީކަމަށް ނުދެކޭށެވެ. އަނބިމީހާއާއިއެކު ވަޤުތުކޮޅެއް ހޭދަކުރާށެވެ. ފިރުމައިދީގެންނަމަވެސް އަނބިމީހާގެ ހިތް ހަމަޖައްސައިދޭށެވެ. އަތުގައި ހިފައިގެން ގާތުގައި އޮވެލާށެވެ. ނިތްކުރިއަށް ބޮސްދޭށެވެ. އަނބިމީހާއަށް ހިތްހަމަޖެހުން ލިބޭނެފަދަ ވާހަކަކޮޅެއް ދައްކައިލާށެވެ! އެއީ ދެމީހުންގެ މެދުގައި ލޯބިއިތުރުވާނެ ކަންކަމެވެ.
އިސްލާމް ދީނަށް ބެލިނަމަވެސް އެއްދާންކުރުމުގެ ބޭނުމަކީ ދެމަފިރިންނަށް ހިތްހަމަޖެހުން ލިބުމެވެ. އެކަކަށް ހިތްހަމަޖެހުން ލިބުމެއް ނޫނެވެ. އެންމެ މުހިންމީ ލޯތަބާއި ކުލުނެވެ. އަނެކާގެ އިޙްޞާޞްތަކަށް ރަޙުމްކުރުމެވެ.
މިބަޔާންކުރި ކަންކަމުގެ މުހިންމުކަން ބޮޑުކަމުން ބައެއް ޢިލްމްވެރިން އެކަންކަމަކީ އެއްދާންކުރުމުގެ އަދަބުތައްކަމުގައިވެސް ބަޔާންކުރައްވައެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން