"މީސްތަކުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާ ރަހުމް ނުކުރައްވަވާނެ" ކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ޞަހީޙް ބުޚާރީ 2319 ބަލާށެވެ!
ރަޙުމް ކުރުމުގެ އާދަ މިއަދު މިދަނީ ނެތެމުންނެވެ. ވަކިކަމެއްގައެއް ނޫނެވެ. ވަކިބައެއްގެ މެދުގައެއްވެސް ނޫނެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޢާއިލީ ގުޅުމުގެ ތެރެއިންނެވެ. ޢާއިލާގެ މީހަކު ކިތަންމެ ނިކަމެތި ޙާލުގައި އުޅުނަސް އަމިއްލައަށް އިސްނަގައިގެން އަޅާލައި އެހީތެރިވަނީ ވަރަށް މަދުމީހެކެވެ.
ހަމައެއާއިއެކު ވަރަށް މުހިންމު އެހެން ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ދެމަފިރިން އެކަކު އަނެކަކަށް ރަޙުމްކުރުމެވެ. ދަރިން ލިބުމަށްފަހު، ޚާއްޞަކޮށް ގިނަ ދަރިންތަކެއް ވިހައިފިނަމަ ގިނަ އަންހެނުންނަށް އުޅެންޖެހެނީ ކޮންމެވެސް ބަލިކަމެއްގެ ތެރޭގައެވެ. އެކަމުގެ ތެރެއަށް ދަރިން ބެލެހެއްޓުމުގެ މަސައްކަތް އިތުރުވުމުން ބަލިކަށިކަން އިތުރުވެއެވެ. ހަމައެއާއިއެކު ގޭތެރޭގެ މަސައްކަތްތައް ކުރަންޖެހޭވަރު އިތުރުވުމުންވެސް ބަލިކަށިކަން އިތުރުވެއެވެ.
ސުވާލަކީ މިކަންކަން ވިސްނި އަނބިމީހާއަށް ރަޙުމްކުރެވެނީ ކިތައް ފިރިންނަށް ހެއްޔެވެ؟ އަނބިމީހާއަށް ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ ލުއިކޮށްދެވޭހެއްޔެވެ؟ އެންމެ ކުޑަމިނުން ދަރިންގެ ކަންކަން ބަލާލައި އަނބިމީހާއަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ވަޤުތު ދިނުމުގައި އެހީތެރިވެވޭހެއްޔެވެ؟
ޖަވާބަކީ އެކަންކުރާ ފިރިންވެސް އުޅެއެވެ. ނަމަވެސް ގިނައީ އިހްމާލްވާ ފިރިންނެވެ. ވީމާ ބުނެލަން ބޭނުންވަނީ ތިމާއަށް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތް ލެއްވެވުން އެދިގެންވެސް އަނބިމީހާއަށް ރަޙުމްކުރާށެވެ! އަނބިންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ! ސުންނަތް ދަމަހައްޓާށެވެ!
އަނބިންނަށްވެސް ބުނެލަން އޮތީ ފިރިންނަށް ކަމެއް ޖެހި ރަޙުމްކުރަންޖެހޭ ވަޤުތުތަކުގައި ރަޙުމްކުރާށެވެ! އެކަންކުރަންވީ ފިރިމީހާގެ ކިބައިން ލިބިދާނެ ފައިދާއަކަށް ބަލައިގެނެއް ނޫނެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ ތިމާއަށް ރަޙްމަތް ލެއްވެވުން އެދިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން