ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު އެކުލަވައިލެއްވި 10 ޔުނިޓު، އެއް ޔުނިޓު ފަހަތުގައި އަނެއް ޔުނިޓު ބެހެއްޓެވިއެވެ. އެކަލޭގެފާނު ހަނގުރާމަކުރާ މައިދާނަށް ލަޝްކަރުގެ ޖަމާޢަތަކާއެކު ވަޑައިގެން، މުސްލިމުންގެ އަމީރު ސަޢުދުގެފާނަށް ސަލާމްދެންނެވުމަށްފަހު، މުސްލިމުންނާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [އޭ މުސްލިމުންނޭވެ! އަހަރެން ތިޔަބައިމީހުންގެ ގާތަށް މިއައީ ހިތްވަރުގަދަ ފިރިހެނުންތަކަކާއެކުގައެވެ.] އެކަލޭގެފާނާއެކުވީ ޔުނިޓުތައް، އެއް ޔުނިޓަށްފަހު އަނެއް ޔުނިޓު، ހަނގުރާމައިގެ މައިދާނަށް ތަކުބީރު ކިޔަމުން ކުރިއަށްދިޔައެވެ. އެ މަންޒަރު ފެނި މުސްލިމުންގެ ހިތްވަރު އާވެގެންދިޔައެވެ.
ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހުއަކީ ދޫފުޅު ފަސޭހަ ޚަޠީބެކެވެ. އެކަލޭގެފާނު ލަޝްކަރުގެ މީސްތަކުންނާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [އޭ މީސްތަކުންނޭވެ! އަހަރެން ވަށައިލައި، އަހަރެން މި ހަނގުރާމަކުރާ ފަދައިން ހަނގުރާމަކުރާށެވެ.] އެއަށްފަހު، ހަނގުރާމައިގެ މައިދާނަށް ވަޑައިގެން ހަރުއަޑުފުޅުން ވިދާޅުވިއެވެ. [އަހަންނާ ހަނގުރާމަކުރާނީ ކާކު ހެއްޔެވެ؟] މި އަޑުއަހާފައި، އީރާނުގެ ލަޝްކަރުގެ ޖެނެރަލެއް ކަމުގައިވާ ބަހްމަން ކުރިއަށް ޖެހިލައި، އޭނާ ކުރިމަތިލާން ތައްޔާރަށް ހުރިކަމަށް ބުންޏެވެ. ޤަޢުޤާޢު ބިން ޢަމްރޫ ވިދާޅުވިއެވެ. [ކަލެޔަކީ ކާކު ހެއްޔެވެ؟] އޭނާ ބުންޏެވެ. [އަހަންނަކީ ބަހްމަންއެވެ.] އޭނާ ވަނީ މުސްލިމުންގެ އެތައް ބަޔަކު ޤަތުލުކޮށްފައިކަން ޤަޢުޤާޢު ބިން ޢަމްރޫއަށް އެނގިވަޑައިގަތުމުން، އެކަލޭގެފާނު ގޮވައިލެއްވިއެވެ. [ބަދަލުހިފުމުގެ ދުވަސް އަތުވެއްޖެއެވެ!] ބަހްމަންއަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ. ނަމަވެސް ޤަޢުޤާޢުގެ ބަސްފުޅުން އޭނާގެ ހިތުގައިވެސް ބިރުވެރިކަން އުފެދިގެންދިޔައެވެ.
މާތްﷲ ދުޝްމަނުންގެ ހިތްތައް ބިރުވެރިކަމުން ފުރުއްވިއެވެ. ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ވަގުތު ނަންގަވައިނުލައްވައި ކުރިއަށް ޖެހިވަޑައިގެން، ބަހްމަންއަށް ޙަމަލާދެއްވައި އޭނާ ޤަތުލުކުރެއްވިއެވެ. ބަހްމަންއަކީ 20،000 ސިފައިންގެ ކޮމާންޑަރެކެވެ. އޭނާ ޤަތުލުވުން ވެގެންދިޔައީ އީރާނުގެ ލަޝްކަރަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމަކަށެވެ. އަދި މުސްލިމުންގެ ހިތްވަރު ގަދަވެގެންދިޔަ ކަމަކަށެވެ.
[ކަލޭމެންގެ ތެރެއިން އަހަންނާ ހަނގުރާމަކުރާނީ ކާކު ހެއްޔެވެ؟] އަނެއްކާވެސް ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ބާރު އަޑުފުޅުން ގޮވައިލެއްވިއެވެ. އެކަލޭގެފާނުގެ އަޑުފުޅު ހޮނުގުގުރިއެއް ފަދައެވެ. އީރާނުގެ ލަޝްކަރުގެ ތެރެއިން ބޭރުޒާނާއި ބިންދުވާން އޭ ކިޔުނު ދެ މީހަކު ހަނގުރާމައަށް ނުކުމެއްޖެއެވެ. އެ ދެ މީހުންނާ ހަނގުރާމަކުރުމަށް ޙާރިޘް ބިން ޒަބްޔާންވެސް ނުކުމެވަޑައިގަތްވެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޤަޢުޤާޢު ކަނޑިން ޖެއްސެވުމަށްފަހު، ބޭރުޒާންގެ ބޯ ކަނޑައިލެއްވިއެވެ. ޙާރިޘް ބިން ޒަބްޔާން ޙަމަލާދެއްވައި ބިންދުވާން ޤަތުލުކުރެއްވިއެވެ.
މި މަންޒަރުތައް ފެނި އީރާނުގެ ލަޝްކަރުގެ މީސްތަކުންގެ ހިތްވަރު އެލިއްޖެއެވެ. އެބައިމީހުން ހަނގުރާމައިގެ އާ ރޭވުމެއް ރާވައިލިއެވެ. ލަޝްކަރު އަލުން ތަރުތީބުކޮށް، އިސްލާމީ ލަޝްކަރުގެ އެންމެ ކުރީ ސަފަށް ވަރަށް ވަރުގަދަ ޙަމަލާއެއް ދިނެވެ. މުސްލިމުން ތިބީ އެފަދަ ޙަމަލާއަކަށް ވަރުގަދައަށް ތައްޔާރުވެގެންނެވެ. ދުޝްމަނުން ޙަމަލާދޭން ފެށުމުން ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [އޭ މުސްލިމުންނޭވެ! ތިޔަބައިމީހުންގެ ކަނޑިތަކުން ދުޝްމަނުން ޤަތުލުކުރާށެވެ.] އެއަށްފަހު، ހަނގުރާމަ ވަރުގަދައަށް ފެށިއްޖެއެވެ. މުސްލިމުންގެ އެތައް ބަޔަކު ޝަހީދުވިއެވެ. އަދި ދުޝްމަނުންގެ އެތައް ބަޔަކު ޤަތުލުވިއެވެ.
މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި އެ ދުވަހު އެކަނިވެސް ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ތިރީސް އެއް ޙަމަލާ ދުޝްމަނުންނަށް ދެއްވިއެވެ. (ނުވަތަ އެކަހެރި ކުރިމަތިލުންތަކުގައި ތިރީސް އެއް މީހުން ޤަތުލުކުރެއްވިއެވެ). އަދި އެކަހެރިކޮށް އެތައް މުބާރަޒާއެއް ކުރެއްވިއެވެ. ދުޝްމަނުންގެ ބަޔަކު ހަނގުރާމަކުރަން އަންނައިރަށް ވިދުވަރެއް ފަދައިން ވަޑައިގެން، އެ މީހުންނާ ހަނގުރާމަކުރައްވައި އެބައިމީހުންގެ މައްޗަށް ކާމިޔާބު ހޯއްދަވައެވެ. އެ ދުވަހުވެސް ހަނގުރާމަ ރޭގަނޑު ވަންދެން ކުރިއަށްދިޔައެވެ. ނަމަވެސް، ދެ ލަޝްކަރުންކުރެ އެއްވެސް ލަޝްކަރަކަށް މުޠުލަޤު ކާމިޔާބެއް ނުލިބެއެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުގެ ސިފައިންގެ މީހަކު ބަނީ ބަކްރު ބިން ވާއިލު ޤަބީލާގެ މީސްތަކުންނަށް ގޮވައިލިއެވެ. [ކަލޭމެންގެ ތެރެއިން އަހަންނާ ހަނގުރާމަކުރާނީ ކާކު ހެއްޔެވެ؟] އެ ހިނދު އިސްލާމީ ލަޝްކަރުގެ މުޖާހިދަކު އޭނާއާ ކުރިމަތިލައި، ކަނޑިކޮޅުން އޭނާގެ މޭ ފޫއަޅުވައިލެއްވިއެވެ. ނަމަވެސް ލިބުނު ފުރުޞަތުގައި އީރާނުގެ ސިފައިންގެ މީހާ އެކަލޭގެފާނުގެ ބަނޑުފުޅަށް ވަރަށް ވަރުގަދަ ހަމަލާއެއް ދިނެވެ. އޭގެ ސަބަބުން އެކަލޭގެފާނު ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އޭނާ ދިން ހަމަލާގެ ސަބަބުން އުފެދުނު ޒަޚަމްގެ ތެރެއިން އެކަލޭގެފާނުގެ ގޮހޮރުވެސް އޮތީ ބޭރަށް ނުކުމެފައެވެ. އެކަލޭގެފާނު އަމިއްލަފުޅަށް ގޮހޮރު އެތެރެއަށް ލުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެކަލޭގެފާނު ގޮވައިލެއްވިއެވެ. [އޭ މުސްލިމުންނޭވެ! އަހަންނަށް އެހީތެރިވާށެވެ.]
- ނުނިމޭ -