އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގެ އެއް ފަރާތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއިއެކު، އާންމުންނަށް މަގު ބޭނުންކުރެވޭނެ ގޮތެއް ހަމަޖައްސައިގެން މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށް ބިނާރާ، ގެދިރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖީލީހުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު ޢަޙްމަދު އަޒާން މަރުޒޫޤް، ހިތަދޫ ލިންކް ރޯޑްގެ މަސައްކަތް ކުރިއަށްދާގޮތް ސާފުކޮށްދެއްވުމަށް އެދިވަޑައިގަތުމުން ވަޒީރު ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަސައްކަތެއް ކަމަށެވެ.
މަގު ހެދުމުގެ މަސައްކަތާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ލިންކް ރޯޑަކީ ވަރަށް ކާރުބާރު ބޮޑު އަދި ބައެއް ސަރަހައްދުތަކުގައި ބަދަލު މަގެއް ނެތް މަގަކަށް ވުމުން، މަގު އެއްކޮށް ބަންދުކޮށްގެން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ދަތިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރިއަށްގެންދާނީ އެއް ފަރާތް ބޭނުންކުރެވޭ ގޮތަށް ބާއްވައިގެންނެވެ.
"މިހާރު ބައެއް ސަރަހައްދުތަކުގައި ދެ ލޭންގެ މަގެއް އެއީ. ހަތަރު ލޭނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ. ވަރަށް ކާރުބާރުބޮޑު އެހެން ޑައިވާޝަން މަގެއް ނެތް ތަންތަން ހުރި މަގެއް ލިންކް ރޯޑަކީ. އެހެންވީމަ އެ މަގު ހަދާއިރު ވިސްނާލަން ޖެހޭނެ އެއް ފަރާތް ހަދާފައި ހުޅުވާފައި އަނެއް ފަރާތް ހެދުމުގެ ކަންކަން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަގު ފުޅާކުރަންޖެހޭ ބައި ސާފުކުރުމަށްފަހު ކެރޭޖްވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އަދި މި އުސޫލުން މަސައްކަތް އަވަސްކޮށްގެން ކުރިއަށް ގެންދެވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.