މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރުއަޅާ ނިންމައިފިއެވެ. މި މަސައްކަތަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރުއަޅާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެ ސަރަޙައްދުގައި މިހާރު ވަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައެވެ.
މީގެ އިތުރުން، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ރޭގެ ވަގުތެއްގައި ވަނީ ތާރުއަޅާ ނިންމާފައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، މިހާރު އެ ސަރަޙައްދުގައި ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، ސައިން ބޯޑުތައް ހަރުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ.
ބޮޑުތަކުރުފާނުމަގުގެ މި ސަރަޙައްދަކީ ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކާއި، މާލޭގެ ބާޒާރުގެ އިތުރުން އަމިއްލަ ގިނަ އޮފީސްތަކެއް ހުންނަ، މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަޙައްދެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސައިކަލް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕާކިން ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެއްޔެއްގައި ދަނީ ކުރަމުންނެވެ.
އެމްޓީސީސީން އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ޕާކިން ޒޯނު ތަރައްޤީކުރުމާއި، މަގުގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން މި ސަރަޙައްދުގެ ދަތުރުފަތުރަށާއި ޕާކިންގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.