ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް ހުޅުވި ހަތް ބްރާންޗެއްގެ ޚިދުމަތް މިއަދު ފަށައި، އެ ބޭންކުގެ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ފަހަރު އަލަށް ބްރާންޗްތައް ހުޅުވާފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށް މި ހަތް ރަށުގައެވެ. މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅެއްގައި ޖުމްލަ 55 ބްރާންޗު އަންނަނީ ހިންގަމުންނެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ހިންގަމުންދާ ބްރާންޗުތަކުގެ ތެރޭގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަލަށް ހުޅުވި 17 ބްރާންޗެއް ހިމެނެއެވެ. މިއީ ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކުގެ ނަތީޖާއެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ ކުރިއެރުންތައް އިންވެސްޓް ކުރަނީ މުޖުތަމައުތަކަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. "ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ފުޅާކުރުންތަކުގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެ ފަރާތްތަކުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި މަގުތަކެއް ފަހިވެގެންދާނެއެވެ. މި އައު ބްރާންޗުތަކާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ބޭންކުގެ ގިނަ ޚިދުމަތްތަކެއް ރަށުގައި ތިބެގެން ހޯދުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.