ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިހާރު ލިބޭނެ އިންތިޒާމް ބިނާރާއި ގެދޮރުވެރިކަމާއި އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. މިއީ ގޯތި ލިބިފައިވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު އިންތިޒާމުގެ ދަށުން، ޕޯޓަލް މެދުވެރިކޮށް ގޯތީގެ ލިޔުން ޑައުންލޯޑް ކުރުމުގެ އިތުރުން، ގޯތި އޮތް ސަރަހައްދާއި އެ ސަރަހައްދުގެ މިހާރުގެ ހާލަތު މެޕުން ބަލާލެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް އެމީހުންގެ ބިމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ބަލާލެވޭނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ލިޔުން ލިބޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް، ގޯތި އޮތް ސަރަހައްދަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްނަމަ، އެ ފަރާތްތަކަށް ލިޔުން ދޫކުރާނީ ކުރިއަށްދާ މަސައްކަތްތައް ނިމުމުންނެވެ.
ގުޅިފަޅު މަޝްރޫޢުގެ ދަށުން ޖުމްލަ 3,520 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަފާތު 7 ސައިޒެއްގެ ގޯތި ހިމެނޭއިރު، އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ. އަދި އެންމެ ބޮޑު ގޯތިތަކުގެ ބޮޑުމިން 3,650 އަކަފޫޓަށް އަރައެވެ.