ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓް ހުޅުވޭ ފީޗަރ މިއަދު ރަސްމީކޮށް ދައްކާލައިފިއެވެ. މި އައު ފީޗަރގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމުތަކުން ފައިސާ ހޯދުމާއި މުއާމަލާތްތައް ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ފީޗަރއާއެކު ދިވެހި ކަސްޓަމަރުންނަށް 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު' (IBAN) ހިމެނޭ ބައިނަލްއަގުވާމީ އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޭރު ގައުމުތަކުގެ ބޭންކުތަކުން ފަސޭހަކަމާއެކު ފައިސާ ލިބިގަތުމަށް މަގުފަހިވެ، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ސްވައިޕްގެ މި އައު ފީޗަރ މެދުވެރިކޮށް އެމެރިކާ ޑޮލަރު، ޔޫރޯ، އަދި ޕައުންޑުން އިންޓަރނޭޝަނަލް އެކައުންޓް ހުޅުވޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ކަރަންސީތަކުން ފައިސާގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބި، ބޭރު ފައިސާގެ މުއާމަލާތްތަކަށް ހާއްސަ ފަސޭހައެއް ލިބިގެންދާނެއެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި، ބޭރު ގައުމުތަކުން ކުރާ ޓްރާންސްފަރތައް ފުރިހަމަވުމާއެކު ވަގުތުން ކަސްޓަމަރުގެ ސްވައިޕް އެކައުންޓަށް ފައިސާ ޖަމާވާނެއެވެ. މިއީ ކަސްޓަމަރުންނަށް އެއްވެސް ލަސްކަމެއް ނެތި ފައިސާ ލިބޭނެ އިންތިޒާމެކެވެ.
މީގެ އިތުރުން، ސްވައިޕް މެދުވެރިކޮށް އެކަކު އަނެކަކަށް ކުރާ ޕަރސަން-ޓު-ޕަރސަން (P2P) ޓްރާންސްފަރތަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ. މި ނިންމުމަކީ ޑިޖިޓަލް ބޭންކިންގްގެ ހިދުމަތްތައް އާންމުންނާ ގާތުން، އަދި ހަރަދު ކުޑަކޮށް ފޯރުކޮށްދިނުމަށް ބޭންކުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.