ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށް ބުނެ ދޮގު މަޢުލޫމާތު ފެތުރުމަކީ ރާއްޖޭގެ މުޅި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ބޭންކުގެ ޚިދުމަތްތަކާއި ޑޮލަރުގެ ހާލަތާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ބޭންކުން ޑޮލަރު ދޫކުރާ މިންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 2021 ވަނަ އަހަރާ އަޅާބަލާއިރު ބޭންކުން މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކުރިން މަހެއްގެ މައްޗަށް 21 މިލިއަން ޑޮލަރު ވިއްކަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު 80 މިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި، ބޭންކުގެ ދިގު ތާރީޚުގައިވެސް ކަސްޓަމަރުންނަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ވިއްކާފައިވަނީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައެވެ. މިއީ ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގައި އޭޓީއެމް ބެހެއްޓުމާ ގުޅޭގޮތުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ އެއީ ބޭކާރު ޚަރަދެއް ނޫން ކަމަށެވެ. "އެއީ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން އަދާކުރާ ޒިންމާއެއް" ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
އިޤްތިޞާދު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ޝަރީފް ހާމަކުރެއްވިއެވެ. އަދި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަކުރުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.