މާލެގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ގެއެއްގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ. މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ. މީގެ ކުރިން މިއަހަރުގެ މެއި މަހުން ފެށިގެން މާލޭގެ އިތުރު 5 ތަނެއް ވަނީ 3 މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. މީގެ ކުރިން ބަންދުކުރި ތަންތަން: ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް މ. އަމީރާމަންޒިލް ގެ ބައެއް: 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެއެވެ. މާލެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.