އެމްއައިބީ އިން އަލަށް ތައާރަފުކުރި "ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެމްއައިބީ އިން އަލަށް ތައާރަފުކުރި "ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަލަށް ތައާރަފުކުރި "ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ގެސްޓްހައުސް ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަންނީ ބޭފުޅުންގެ އިތުރުން ރަށު ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ތައާރަފުކުރި އެވޯޑެކެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ދާއިރާއަކުން 12 އެވޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކަށް ހާއްސަ 8 އެވޯޑަކާއި، ފަރުދުންނަށް ދެވޭ 3 އެވޯޑެއްގެ އިތުރުން، ގެސްޓްހައުސް ސިނާއަތަށް އެންމެ ބޮޑު އެއްބާރުލުމެއްދޭ ރަށަކަށް ދޭ 1 އެވޯޑެވެ.

އެމްއައިބީން ބުނި ގޮތުގައި، އިންސާފުވެރިކަމާއެކު އެވޯޑުތައް ވަޒަންކުރުމަށްޓަކައި ގެސްޓްހައުސްތައް ދެ ގިންތިއަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ. އެއީ 3 ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ގެސްޓްހައުސްތަކާއި، 11 ކޮޓަރިން މަތީގެ ގެސްޓްހައުސްތަކެވެ. މިގޮތަށް ބަހާލުމުން ކުދި އަދި މެދު ފަންތީގެ ގެސްޓްހައުސްތަކަށް ވެސް އެވޯޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ލިބިގެންދާނެއެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އިވެލުއޭޝަންތައް ކުރިއަށްގެންދާނީ މިނިވަން ޕާޓްނަރެއް ކަމަށްވާ ކްރޯ މޯލްޑިވްސް އެޑްވައިޒަރީ އިންނެވެ. މިއީ އެވޯޑު ދިނުމުގައި ދެފުށް ފެންނަ، އިތުބާރު ހުރި ނިޒާމެއް ގާއިމުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއައިބީން ފާހަގަކުރެއެވެ.

އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްއައިބީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. އެވޯޑާ ގުޅޭ އިތުރު މައުލޫމާތާއި ޝަރުތުތައް ބޭންކުގެ ވެބްސައިޓް https://mib.com.mv/guesthouseaward އިން މިހާރު ލިބެން ހުންނާނެއެވެ.

މިއަދު އޮންލައިން