ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބަށްފަހު، އެ ޕާޓީގެ ރަށު ސްޓިއަރިން ކޮމެޓީތައް އަލުން އެކުލަވާލައި ރަސްމީކޮށް އިއުލާންކޮށްފިއެވެ. މި ފިޔަވަޅަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބަކީ ޕީއެންސީގެ ތާރީޚުގައިވެސް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބެވެ. މި އިންތިޚާބުގައި ރާއްޖޭގެ 131 ރަށު ދާއިރާއަކުން 2500 އަށް ވުރެ ގިނަ މަޤާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ ތެރޭގައި ރަށު ކޮމެޓީތަކުގެ އެކި ފަންތީގެ މަޤާމުތައް ހިމެނެއެވެ.
ޕާޓީގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލިސް މެންބަރުން ކަމަށް ވަނީ ހަމަޖައްސާފައެވެ. މިއީ ޕާޓީގެ ސިޔާސީ މަސައްކަތްތަކާއި މަޖިލީހުގެ މަސައްކަތްތައް އެއް މިސްރާބަކަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމެކެވެ.
އަލަށް އެކުލަވާލެވުނު ސްޓިއަރިން ކޮމެޓީތަކުގެ ތަފްސީލުތައް މިހާރު ޕާޓީގެ އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އާންމު މެންބަރުންނަށް ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދާއިރާއެއްގެ ކޮމެޓީގައި ހިމެނޭ މެންބަރުންނާއި އެ މެންބަރުންގެ މަޤާމުތައް ފެންނަން ހުންނާނެއެވެ.
ޕީއެންސީއަކީ މިހާރު 74،000 އަށް ވުރެ ގިނަ މެންބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބު ނިމި، ކޮމެޓީތައް އެކުލަވާލުމާއެކު ކުރިއަށް އޮތް ތަނުގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.