ފާފަތަކަށް ތައުބާނުވެ ހުރުމުން ދުނިޔޭގަ ލިބެން އޮތް އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ފާފަތަކަށް ތައުބާނުވެ ހުރުމުން ދުނިޔޭގަ ލިބެން އޮތް އެންމެ ބޮޑު ދެރަ!

އުޤޫބާތްތަކާއި، ގެއްލުންހުރި ނުބައިވެގެންވާ ހާދިޘާތައް ހިނގުމުގައި ފާފަތަކުގެ ވަރަށް ބޮޑު ދައުރެއްވެއެވެ. ފާފަތަކުގެ ސަބަބުން މެނުވީ އެއްވެސް މުސީބާތްތެއް ނުޖެހެއެވެ. އަދި ތައުބާ ވުމުން ނޫނީ އެކަން ފިލާނުދެއެވެ. 

ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވޭއެވެ.

 (وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ) [سورة الشوري 30]

މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަ ފާފަތައް عفو ކުރައްވައެވެ." 

މުސީބަތްތަކުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑަށް ޖެހޭ ބަލިމަޑުކަން ހިމެނެއެވެ. އޭގެތެރޭގައި ތަފާތު ބަލިތަކާއި، އާފާތްތަކާއި،  ނުބައިކަންތައް މެދުވެރިކުރެއްވުމާއި، މަރުވުމާއި، ފިތުނަތަކާ އަދި އަދާވާތްތެރިން އެބައިމީހުންގެ މައްޗަށް ވެރިކުރެއްވުން ހިމެނެއެވެ. 

(މީގައި ވިސްނަންވީ ކޮންމެ ބައްޔަކީ ﷲ ތަޢާލާގެ ކޯފާއެއް ނޫންކަމެވެ. އިމްތިޙާނުކުރެއްވެވުމަށާއި އަދި އެމީހަކަށް ރަޙްމަތެއްގެ ގޮތުންވެސް ބަލިތައް ޖައްސަވައެވެ. އެއﷲ ތަޢާލާގެ ކޯފާއަކަށްވާނީ އެމީހަކަށް މުޞީބާތެއް ޖެހުން ޙައްޤުވާ ގޮތަށް އުޅެމުން އަންނަ މީހުންނަށެވެ.)

އުޑުން ބާވައިލައްވާ އުޤޫބާތްތަކުގެ ތެރޭގައި ވާރޭ ނުވެހުމުގެ ސަބަބުން ބިންގަނޑު ހަނަފަސްވުމާއި، ގަސްތައް މަރުވުމާއި، މޭވާތައް ހަލާކުވުމާ އަދި ފެނުގެ ތެރެއަށް ޣަރަޤުކުރެވުމާއި، ހޮނުއެޅުމާ އަދިވެސް އެތައް އާފާތްތައް ހިމެނެއެވެ. އުޑުން ބާވައިލެއްވުނު އުޤޫބާތްތަކުގެ ތެރޭގައި ބާރުގަދަ ވަޔެއް ފޮނުއްވައި ހޫދުގެފާނުގެ ގައުމުގެ މީހުން ހަލާކުކުރެއްވުމާއި، ނޫހުގެފާނަށް އީމާން ނުވި މީހުން ޣަރަޤު ކުރެއްވުމާއި، ބާރުގަދަ އަޑެއް ފޮނުއްވައި ޞާލިޙުގެފާނަށް އީމާން ނުވި މީހުން ހަލާކުކުރެއްވުމާ އަދި މުސާގެފާނުގެ ރިސާލާތް ދޮގުކުރި ފިރުއަވުނާއި އެނާގެ ޖަމާޢަތް ޣަރަޤު ކުރެއްވިއެވެ. އަދި މިނޫނަސް އެތައް ގިނަ މިސާލުތަކެއް ވެއެވެ. 

އަދިވެސް ފާފައިގެ ސަބަބުން ކުރާ އަޘަރުތަކުގެ ތެރޭގައި ހިތް ގާވުމާއި، ވައުޡާއި އާޔަތާއި ދަލީލުތައް އިވޭ އިރުގައިވެސް އެއްވެސް އަޘަރެނުކުރުމާއި، ބިރުވެތިކަމެއް ނައުމާ އަދި އޭގެން އެއްވެސް ކަހަލަ އިންޒާރެއް ލިބިނުގަތުމާ އަދި އެ ފަހުމުނުވުމާއި ގަބޫލުނުކުރެއެވެ. އެހެންކަމުން އޭނާ ޣާފިލުކަމުގައި ވާހިނދު އެނާގެ ކިބައިން ނަސޭހަތް ކައްސާލައިގެން ދެއެވެ. 

ފާފައިގެ ނުބައިކަމުގެ ބޮޑުކަމާހުރެ ދުނިޔެ މަތީގައިވެސް އޭގެ ޢުޤޫބާތް ދައްކަވައެވެ. އޭގެތެރޭގައި މުރުތައްދުވާ މީހާއާއި މީހަކާ އިނުމަށްފަހު ޒިނޭކުރާމީހާ ޤަތުލުކުރެވެއެވެ. ވައްކަންކުރާ މީހާއާއި މަގުފޭރޭ މީހުންގެ އަތް ކެނޑުމާއި، ހަނގުރާމަކުރާ މީހުން ހިފާ ހައްޔަރުކުރުމާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގައިގައި ހައްދުޖެހުމާއި އަދި މިނޫންވެސް ޢުޤޫބާތްތައް ވަނީ ކަނޑައަޅުއްވާފައެވެ. 

އާދެ! ބަޔާންވެގެން އެދިޔައީ ފާފާއިގެ ސަބަބުން ލިބިގެންދާ އުޤޫބާތްތަކެވެ. އަދި މުޖުތަމަޢުގައި ކުށްތައްއިތުރުވެގެންދާ މިންވަރަކުން އުޤޫބާތްތައް އިތުރުވެގެންދެއެވެ. 

ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ) [سورة الأنفال 25]

މާނައީ: "އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއް ނޫނެވެ." 

އާދޭހެވެ! ހަމަކަށަވަރުން އެއީ ފާފަކުރާމީހުންނާއި އަދި އެނޫން މީހުންނެވެ. އަދި ހަމައެފަދައިން ޙަދީޡެއްގައި ބަޔާންވެގެންވެއެވެ. 

(( إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُغيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمُ اللهُ بِعِقَابِهِ)) (ރިވާކުރެއްވީ އަޙްމަދު

މާނައީ:"ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތެއް ފެނުމުން އެކަން މަނާނުކޮށްފި ކަމުގައިވާނަމަ، އެބައިމީހުންގެ މައްޗަށް އާއްމުވެގެންވާ ޢުޤޫބާތެއް ﷲ ގެ ޙަޟްރަތުން އައުން ކައިރިވެގެންވެއެވެ." 

އަދި ހަމައެޔާއެކު އިބްނުލް ޤައްޔިމް ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ الجواب الكافي، މި ފޮތުގައި ފާފަތައް ކުރުމުގެ ސަބަބުން އަންނަ އުޤޫބާތުގެ ގޮތުގައި އެކަލޭގެފާނު 50 އުޤޫބާތެއް ވަނީ ބަޔާންކުރައްވާފައެވެ.

 

- އައްޝައިޚް ޢަބްދުލްމުޢިއްޒު ރަޝީދު

 

 

މިއަދު އޮންލައިން