ސުވަރުގެ ނުލިބިދާނެކަމުގެ ބިރު އޮތްއިރުވެސް އިސްތަށި ކަޅުކުރަނީ ކީއްވެ؟ ސުވަރުގެ ލިބުމަށްވެސް ޒުވާންކަން ދެއްކުން މުހިންމުވީމަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ސުވަރުގެ ނުލިބިދާނެކަމުގެ ބިރު އޮތްއިރުވެސް އިސްތަށި ކަޅުކުރަނީ ކީއްވެ؟ ސުވަރުގެ ލިބުމަށްވެސް ޒުވާންކަން ދެއްކުން މުހިންމުވީމަތަ؟

އެއްބައަކު އެބަ ބުނޭ އިސްތަށިކަޅުކުރެވޭނެޔޭ! އަނެއްބައަކު ބުނަނީ އިދިކޮޅަށް! މިކަމުގަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެންމެ ރަނގަޅު ގޮތަކީ ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެކަމަށް ޝައްކުވާ އެއްވެސް ކަމެއް ނުކުރުމެވެ. މުސްކުޅިވެ މަރުވާއިއރުވެސް 20 އަހަރުގެ ޒުވާނެއްގެ ސިފައިގައި ހުރެވުމަކީވެސް ސުވަރުގެ ވައްދަވާނެ ކަމެއް ނޫންވީމައެވެ.  

އިސްތަށި ކަޅުކުރުމުގެ މައްސަލައަކީ ގިނަ ބައެއްގެ މެދުގައި ޚިޔާލުތަފާތުވާ މައްސަލައެކެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ފާފަވެރިނުވާނެކަން ޔަޤީން ގޮތަށް ޢަމަލުކުރުމެވެ. އެއީ ނުރަ އިސްތަށި ކަޅު ނުކުރުމެވެ. އެކަމުގެ ޙުކުމް އޮތްގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

މިކަމުގައި އެންމެ ރަނގަޅުގޮތަކީ މިއީ ޙަރާމްކަމެއްކަމުގައި ދެކުމެވެ. ސަބަބަކީ މިކަމާއި ބެހޭގޮތުން ޙަދީޘްފުޅުގައި އައިސްފައިވާ ވަޢީދުގެ ބަސްފުޅުގެ ސަބަބުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"ފަހު ޒަމާނުގައި އެބައިމީހުންގެ އިސްތަށިތައް ކޮތަރެއްގެ ބަނޑުދަށްފަދައިން ކަޅުކުރާ ބަޔަކުވާނެއެވެ. އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުއްޓެވެ."

(ރިވާކުރެއްވީ އަބޫދާވޫދު) 

މިއީ ނުރަވެފައިވާ އިސްތަށި ހުންނަ މީހުންގެ މެދުގައި ޢާންމުކަމަކަށްވެފައިވާ ކަމެކެވެ. އެބައިމީހުންގެ ނުރަ އިސްތަށިތައް ކަޅުކުލައަށް ބަދަލުކޮށް ހަދައެވެ. މިކަމުގެ ސަބަބުން ނުބައިކަންކަމަށް މަގުފަހިވެއެވެ. މިސާލަކަށް އޮޅުވާލުމާއި އަދި ތިމާގައިގައި ނެތްކަމެއް ދައްކައިގެން ފޮނިކެނޑުން ހިމެނެއެވެ. 

ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ނުރަ ތުނބުޅިފުޅު ހީނާފަތް ބޭނުންކުރައްވައިގެން އެކަލޭގެފާނު  ކުލަބަދަލުކުރައްވައެވެ. އެއީ ރީނދޫ، ރަތް އަދި ކަޑިކަމެއް ހުންނަ ކުލައެކެވެ. (ކަޅެއްނޫނެވެ). 

މައްކާ ފަތަޙަ ކުރެއްވި ދުވަހު އަބޫ ޤުހާފާ(އަބޫބަކުރު ގެފާނުގެ ބަފައިކަލުން) ރަސޫލުﷲ ގެފާނުގެ އަރިހަށް ޙާޒިރުކުރެއްވުނެވެ. އޭރު އެކަލޭގެފާނުގެ އިސްތަށިފުޅާއި އަދި ތުނބުޅިފުޅު ހުރީ ތުޤާމާ (އެގަހުގެ ފަތާއި އަދި މާ ވަރަށް ހުދުކޮށް ހުންނަ ގަހެއް)ހާ ހުދުކޮށެވެ. 

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބޫ ޤުހާފާއަށް ނިސްބަތްކުރައްވަވައި ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "މި(ނުރަ އިސްތަށިތަކުގެ ކުލަ) ކޮންމެސް އެއްޗެއް ބޭނުންކޮށްގެން ބަދަލުކޮށްލާށެވެ. ނަމަވެސް ކަޅުކުލަ (ޑައީ ކުރުމަށް) ބޭނުން ކުރުމުން ދުރުހެލިވާށެވެ."

(ރިވާކުރެއްވީ މުސްލިމް) 

މިކަމުގައި އެންމެ ރަނގަޅުވެގެންވާ ގޮތަކީ އަންހެނުންވެސް ވަނީ ފިރިހެނުން ފަދައިންނެވެ. ކަޅު ނޫން އިސްތައްޓެއް ކަޅުކުލައަށް ބަދަލުކުރުމަށްޓަކައި ޑައީކުރުން އެބައިމީހުންނަށްވެސް ހުއްދަވެގެންނުވެއެވެ.

(ޝެއިޚުގެ ބަސްކޮޅު ނިމުނީ)

ނޯޓު: ނުރަވުމުން ތުނބުޅީގައި ހީނާފަތް ބޭނުންކޮށްގެން ކުލަޖެއްސުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެކެވެ. 

މިއީ ޝައިޚު މުނައްޖިދު ލިޔުއްވާފައިވާ محرمات إستهان بها كثير من الناس (މީސްތަކުން ފަރުވާ ކުޑަކޮށްލަމުންދާ ހަރާމްކަންތައްތައް) މިފޮތުން ތަރުޖަމާ ކުރެވިފަިއވާ ލިޔުމެކެވެ. 

- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު- ދިސަލަފިއްޔާ

 

މިއަދު އޮންލައިން