ކޮންމެވެސް ކިޔައިލާތި!: އަހުރެމެން އެބައަކުދެކެ އެންމެ ބޮޑަށް ލޯބިވާ އެންމެންނަށްވުރެ ﷲ ތަޢާލާ އަހުރެމެންދެކެ ލޯބިވެވޮޑިގަންވާކަން އަންހެނަކަށް ޔަޤީންކުރެވުނު އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 4ސ
ކޮންމެވެސް ކިޔައިލާތި!: އަހުރެމެން އެބައަކުދެކެ އެންމެ ބޮޑަށް ލޯބިވާ އެންމެންނަށްވުރެ ﷲ ތަޢާލާ އަހުރެމެންދެކެ ލޯބިވެވޮޑިގަންވާކަން އަންހެނަކަށް ޔަޤީންކުރެވުނު އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ-

އެކި މީހުން އެނގެން ބޭނުންވާނީ އެކި ކަންކަމެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ކުޅަދުންވަންތަކަމާއި މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ފަދަ ކަންކަން އެނގެން ބޭނުންވަނީ މަދުމީހެކެވެ.

އެކަންކަމަށް ވިސްނަނީވެސް ވަރަށް މަދު މީހެކެވެ. އެކަންކަމަށް ވިސްނައި ފިކުރުކުރާ މީހުންގެ ތެރެއިން އިރާދަކުރައްވަވާ އަޅުންނަށް އިބްރަތަކަށްވާނެ ގޮތަކަށް އެކަންކަން އަންގަވައިވެސް ދެއްވަވަތެވެ.  

ތިރީގައިވާ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!  

އެންމެ ކުޑައިރުންސުރެ މީހުން ކިޔާ އަޑު އަހަމެވެ. "މައިންބަފައިނަށްވުރެވެސް އަނބިދަރިންނަށްވުރެވެސް ފިރިންނަށްވުރެވެސް، ބޯއި، ގާރލްފްރެންޑުންނަށްވުރެވެސް އެހެންގޮސް އެންމެންނަށްވުރެވެސް ﷲ ތަޢާލާ އަހަރެމެން އެންމެން ދެކެ ލޯބިވެވޮޑިގެންވެއެވެ."  

އިސްލާމް ދީނުގެ އެއްވެސް ކަމަކަށް ޝައްކުކުރަނީއެއް ނޫނެވެ. ނަމަވެސް އެއީ ކިހިނަކުން ހިނގާނެ ކަމެއްކަމާއިމެދު ހިތުގައި އައީ ސުވާލުތައް އުފެދުމުންނެވެ. އެހެންކަމާއިއެކުވެސް މިވާހަކަ އެއްވެސް މީހަކާ ނުދައްކަމެވެ. އިމާމުން، ޝައިޚުންކުރެ މީހެއްގެ ގާތަކުވެސް ސުވާލެއްވެސް ނުކުރަމެވެ. މަސައްކަތްކުރަމުން އައީ އަމިއްލައަށް ޖަވާބު ހޯދޭތޯއެވެ.  

އަޅުގަނޑުގެ އުމުރުން 10 އަހަރުވީއިރު އަޅުގަނޑުގެ މައިންބަފައިން ވަނީ ނަމާދުކުރުވަން އާދަކުރުވައިފައެވެ. އެހެންވެ އަބަދުވެސް ނަމާދުކުރަމެވެ. އަދި ބައެއް ފަހަރު ނަމާދަށްފަހު ކުރާ ދުޢާގައި ކުރިން ބުނި ކަންތައް ފާހަގަވެސްކުރަމެވެ. އެކަން އަންގަވައިދެއްވެވުން އެދި ދަންނަވަމެވެ.  

އުމުރުން 23 އަހަރުގައި ޑޮކްޓަރު ބުނި ވާހަކައަކުން ދިއައީ ތަރިބުރައިގެންނެވެ. ހަތަރު އުދަރެސް ފެނުޖެހިގެންނެވެ. ބޯމައްޗަށް އުޑު ވެއްޓިގެންނެވެ. މިހުރިހާ ލަފުޒުތަކެއް މިބޭނުންކުރީ ހަމަ ކަމުގެ ބޮޑުކަމުންނެވެ. ޑޮކްޓަރު ބުނީ އަޅުގަނޑުގެ އެއް ކިޑްނީ ވަރަށް ބޮޑަށް ހަލާކުވެ ފޭލްވެފައިވާ ކަމަށާއި އެކިޑްނީ ބަދަލުކުރުން ނޫންގޮތެއް ވެސް ނެތް ކަމަށެވެ. ބަދަލުކުރުން ލަސްވެއްޖެނަމަ ދެވަނަ ކިޑްނީވެސް ފެއިލްވެދާނެ ކަމަށެވެ.  

ކޮންމެއަކަސް ޚަބަރު ލިބުމާއިއެކު ޢާއިލާގެ ތެރޭގައި މަޝްވަރާކޮށް ޑޯނަރެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފިރިމީހާ އާއިވެސް ދިމާވިއެވެ. ޢާއިލާގެ 3 މީހަކާއި ވެސް ދިމާވިއެވެ. ނަމަވެސް ނަގައި އަޅުގަނޑުގެ ހަށިގަނޑަށް ލައްވަން އޮޕަރޭޝަންކުރަންޖެހޭ ހިސާބުން ކޮންމެ މީހަކުވެސް އައީ ކޮންމެވެސް ބަހަނާއެއްދައްކަމުންނެވެ.   

އަޅުގަނޑުގެ ފިރިމީހާވެސް އެއްބަނޑުއެއްބަފާ ކޮއްކޮވެސް ބަހަނާ ދެއްކީ އޮޕަރޭޝަންކުރަން އެޑްމިޓްވެސް ކުރުމަށްފަހުގައެވެ. އެހެންވެ ޑޮކްޓަރުންނާއި ނަރުހުން ވެސް ވަރަށް ރުޅިގަދަވެގެން އުޅެފައި އެތަނުން ނަރުސްކުއްޖަކު އަޅުގަނޑުގެ ފޮޓޯއަކާއިއެކު އަޅުގަނޑުގެ ޙާލަތު އޭނާގެ ފޭސްބުކްގައި ލިޔުނެވެ.  

އެފަހަރު ޑޮކްޓަރުން ބުނީ މިހާރު ޙާލަތު ހުރިގޮތުން ގެއަށް ފޮނުވެން ނެތްކަމަށާއި ރަނގަޅީ ހޮސްޕިޓަލުގައި މަޑުކޮށްލުން ކަމަށެވެ. އެހެންވެ ހޮސްޕިޓަލުގައި އޮންނަތާ ބަރާބަރު 10 ވަނަ ދުވަހު ހަވީރު ވަރަށް ސްމާޓްކޮށް ތިބި 4 ފިރިހެނުން އައިސް ބައްދަލުކުރިއެވެ. ޑޮކްޓަރާއިވެސް އެކުގައެވެ. ޑޮކްޓަރު ބުންޏެވެ. "މިއީ މިލިއަނަރު ޢަބްދު ލްޢަލީމްއެވެ. ދެން މިތިބީ އޭނާގެ 3 ދަރިންނެވެ. ޢަބްދުލްޢަލީމްގެ 2 ދަރިންނާއި އަޅުގަނޑާއި ދިމާވެއެވެ. ޢަބްދުލްޢަލީމް ބޭނުންވަނީ އޭނާގެ ދަރިއެއްގެ ކިޑްނީ ހަދިޔާކުރާށެވެ! އަދި އެކަމަށް ހިނގާ ހުރިހާ ޚަރަދަކާއި އަދި ތިބާ އާއި ތިބާއަށް ދެއްވަވާނެ ދަރިންގެ މުޅި ޢުމުރަށް މެޑިކަލް އިންޝުއަރަންސް ހަދިޔާކުރާށެވެ."

އުފަލުން ގޮސް ބުނާނެ އެއްޗެއް ނުއެނގި އެތައް އިރަކު އޮވެވުނެވެ. އެންމެފަހުން ވަރަށް ބާރަށް ރޮވެން ފެށިއެވެ. ނަރުހުން އަޅުގަނޑުގެ ކަންކަން ހަމައަކަށް އެޅުވުމުން އެ 4 ބަފައިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. އަދި ހެޔޮ ދުޢާވެސް ކުރީމެވެ.  

ޖެހިގެން އައި ހަފްތާގައި އޮޕްރޭޝަންކޮށްފިއެވެ. އޮޕަރޭޝަންވެސް ކާމިޔާބެވެ. ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ ވަރަށް ގިނަދުވަސްކޮށްފައެވެ. އެއީ ފަހަރެއްގައިވެސް މައްސަލައެއް ކުރިމަތިވެދާނެތީ ޑޮކްޓަރު ޤަޞްދުގައި ލަސްކުރީއެވެ. ޚަރަދުކުރާނެ މީހަކު ހުރީތީއެވެ.  

އަޅުގަނޑުގެ އޮޕަރޭޝަން ކުރެވުނުތަނާހެން ފިރިމީހާ އަޅުގަނޑު ވަރިކޮށްފިއެވެ. ސަބަބެއްވެސް ނުބުނެއެވެ. ނަމަވެސް ބޮޑަށް ޤަބޫލުކުރެވުނީ އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރަން އޭނާގެ އެހީތެރިކަމަށް ބޭނުންވި ދުވަހު ކަންތައްތައް ކުރެވުނު ގޮތުން ލަދުގަތީ ކަމަށެވެ. އެހެންވެ އެކަން މާބޮޑު ކަމަކަށް ނުހަދަމެވެ. ފުރަތަމަ ނުވަތަ އެންމެ މުހިންމު ކަމަކީ ފުރާނަ ސަލާމަތްވުން ކަމުގައިވާތީއެވެ. ގަދަވެ ހެޔޮޙާލުގައި ހުރިނަމަ ކައިވެނިކުރާނެ ކޮންމެވެސް މީހަކު ވާނެކަމަށް އުންމީދުކުރެވޭތީއެވެ.  

ހޮސްޕިޓަލުން ނުކުމެވުމުން ޢަބްދުލްޢަލީމް އާއި އޭނާގެ ދަރިންނާއި ބައްދަލުކުރަން ދިއައީމެވެ. އެ 4 ބަފައިން އަޅުގަނށަށް ވަރަށް ކަމޭހިތިއެވެ. ދެކެވުނު ވާހަކައިގެތެރެއިން އަޅުގަނޑަށް އެހައި  ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އަދި އުމުރަށް ފޯރުކޮށްދޭން ނިންމީ ކީއްވެގެންތޯ ސުވާލުކޮށްލީމެވެ. ލިބުނު ޖަވާބަކީ "އެޕޯސްޓް ފެނުމާއިއެކު ހަމަ ކޮށްދޭހިތްވީއެވެ. އަދި މިކުދިންގެ މަންމަ ދުނިޔެ ދޫކުރީ ކިޑްނީބަލީގައެވެ. ކަންކަން މެދުވެރިވިގޮތުން ބަދަލުކޮށްލާނެ ފުރުޞަތުވެސް ނުލިބިއެވެ. ހަމަ އެއް ކިޑްނީއެކެވެ. ދެދަރިންގެ ކިޑްނީ ދިމާވެސްވިއެވެ. ނަމަވެސް ބަދަލުކުރަން އޮޕަރޭޝަންކުރަން ޞިއްޙަތު ތަންނުދިނީއެވެ. ވީމާ އެކުދިން މަންމައަށް ހަދިޔާ ނުކުރެވުނު ކިޑްނީ ތިއަ ދަރިފުޅަށް ހަދިޔާކުރީއެވެ." 

އެއަށްފަހު އެމީހުން އަޅުގަނޑު ދޫކޮށެއް ނުލިއެވެ. ދޭތެރެދޭތެރެއިން އެގެއަށް ގެންދަން ފެށިއެވެ. ކެއުންތަކަށްވެސް ގެންދަން ފެށިއެވެ. ޗުއްޓީއަށް ދަތުރުދާއިރުވެސް ބައެއް ފަހަރު ގެންދަން ފެށިއެވެ.  

އެގޮތަށް އަހަރެއްހައި ދުވަސް ފާއިތުވީތަނާ ދޮށީ ދަރިފުޅާ އަޅުގަނޑާއިމެދު ލޯބީގެ ގުޅުން އުފެދެންފެށިއެވެ. އެގުޅުމުގެ ތެރެއިން މިވަނީ ކައިވެނިވެސް ކުރެވިފައެވެ. ކައިވެނީގައި ދަރިންވެސް ލިބިފައެވެ.  

ދެން އެއްރޭ އަޅުގަނޑަށް ފެނުނީ ހުވަފެނެކެވެ. ހުވަފެނުގައި މީހަކު ބުނީ "މިހާރު ވިސްނިއްޖެ ހެއްޔެވެ؟ ތިބާގެ ފިރިމީހާވެސް އެންމެ ގާތް މީހުންވެސް ތިބާއަށް އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވި ދުވަހު އެހީނުވި ނޫންހެއްޔެވެ؟ އެހީތެރިކަން ލިބުނީ ދުރުހިލޭ މީހެއްގެ ކިބައިން ނޫންހެއްޔެވެ؟ އޭނާގެ ހިތަށް ތިބާއަށް އެހީތެރިވާން ޝައުޤުވެރިކަން ޖެހުނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް ލިބުމުންނެވެ. ވީމާ އެންމެންނަށްވުރެ އަހަރެމެން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން މިހާރު ވިސްނިންޖެހެއްޔެވެ؟ ތިބާއަށް ތިއަ ލިބުނު ހުރިހާ އުފާވެރިކަމެއް ލިބުނީ ހަމަ ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލެއްވެވުމުންނެވެ."


- ޒައިނަބް / ލާހޯރު، ޕާކިސްތާން

- ޢިބްރަތްތެރި ވާހަކަ

 

 

 

މިއަދު އޮންލައިން