ހިތްދަތިކަމާ މުޞީބާތްތައް ކުރިމަތިވަމުން މިދަނީ ލިބެން އޮތް ބޮޑު އުފާވެރިކަން ދޫކޮށްލައި ކުޑަކުޑަ އުފާވެރިކަމަށް ބޭނުންވެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހިތްދަތިކަމާ މުޞީބާތްތައް ކުރިމަތިވަމުން މިދަނީ ލިބެން އޮތް ބޮޑު އުފާވެރިކަން ދޫކޮށްލައި ކުޑަކުޑަ އުފާވެރިކަމަށް ބޭނުންވެވޭތީ!

އަހުރެމެން އެއްވެސް މުސްލިމަކަށް ދެރަގޮތެއް ވުމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ނަމަވެސް އަހުރެމެންނަށް އެކަން ޤަބޫލުނުކުރެވެނީއެވެ. ތައުބާވުންމަތީގައި ހުންނަ މީހަކަށް ބޭނުންވާނެ ހުރިހާ އުފާވެރިކަމެއްވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ.  

އަހުރެމެންނަށް ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި ދަރަޖަ ލިބެން އޮންނަހިނދުވެސް އެކަން ޤަބޫލުނުކުރެވެނީއެވެ. ކިރިޔާ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ މަގު ދޫކޮށްލައި އެހެން މަގުތަކުން ކުރިއަށް ގޮސް އުފާވެރިކަން ހޯދަން މަސައްކަތްކުރެވެނީއެވެ.  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެއިރުން އެލިބޭ އުފާވެރިކަމަކީ ދާދިކުޑަކުޑަ ވަޤުތުކޮޅަކަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށެވެ. އެހެނަސް އެކަން މީސްތަކުންނަށް ޤަބޫލުނުކުރެވިގެން ލިބެން އޮތް ބޮޑު އުފާވެރިކަން ދޫކޮށްލައި ކުޑަކުޑަ އުފާވެރިކަމާއި ދިމާއަށް ދެވެނީއެވެ.  

މިނުބައި އާދަދޫކޮށްލާށެވެ! ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ބޮޑު އުފާވެރިކަން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވާށެވެ! އެފަދަ މީހަކަށްވުމަށް ކުރަން އޮތް ފުރަތަމަ ކަމަކީ ކެތްތެރިވުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ.

ވީމާ ދިރިއުޅުމުގައި ހިތްދަތި ޙާލަތެއް ކުރިމަތިވިނަމަވެސް ކައިވެނި ރޫޅުން ފަދަ ކަމެއް މެދުވެރިވިނަމަވެސް ކެތްތެރިވެލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ކިޔަމަންތެރިވެ އެކަލާނގެ ޙަޟްރަތުން ވާގިއެދޭމީހަކަށްވާށެވެ.  

ޝައިޠޯނާގެ ބަހަށް ހެއްލި ފާފަތައް ނުކުރާށެވެ. ޝައިޠޯނާ ބުނާ ގޮތަށް ކަންކަން ކުރުމަކުން ލިބޭނެ އުފާވެރިކަމެއް ނެތެވެ. ފަހަރެއްގައި އެވަޤުތު ހިތަށް އުފާވެރިކަމެއް ލިބުނަސް ފަހަތުން އައިސް އަރާހަމަކުރާ މުޞީބާތްތައް މާބޮޑުވާނެކަން ޔަޤީންކުރާށެވެ.  

އުފަލުގައި ދުނިޔޭގައި ނުއުޅެވިގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ޙަޤީޤީ އުފާވެރިކަން ލިބިގަނެވެން އޮތް މަގުން ކުރިއަށް ނުދެވުމެވެ. ވީމާ މިވަޤުތުން ފެށިގެންވެސް ޙަޤީޤީ އުފާވެރިކަން ލިބިގަންނަން މަސައްކަތް ފަށާށެވެ. ދެއްވަވާނެކަން ޔަޤީނެވެ. އިން ޝާ ﷲ

 

- މަޢުލުމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން