އެއީ ޒުވާން އަންހެން ކުއްޖެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މެދުޢުމުރުގެ ފިރިހެނަކާއެވެ. އަގުބޮޑު އެޕާޓްމަންޓެއް ކުއްޔަށްހިފައިދީ ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާދިނުމުގެ އިތުރަށް އެންމެ އަގުބޮޑު ސައިކަލެއްވެސްވަނީ ގަނެދީފައެވެ.
އެވަރުންވެސް ހިތް ނުފުރިގެން ލޯބިވެރިޔާ ހޯދަން ގެއަށްދިއައެވެ. ބައްދަލުވީ އަނބިމީހާއާއިއެވެ. ފުރަތަމަވެސް ކިޔައިޑޭންފެށީ ލޯބިވެރިޔާއަށް ކުރާ ޚަރަދުތަކުގެ ވާހަކަތަކެވެ. ރަނގަޅަށް އަޑުއަހައި ނިމުމުން އަނބިމީހާ ސުވާލުކުރިއެވެ. "އެހެންވީމާ ތިއަ އަގުބޮޑު އަތްދަބަހާ ކަރުގަ އޮތް ހާރާ ތިއަ ފޯނާ ސައިކަލަކީވެސް ލޯބިވެރިޔާ ގަނެދިން އެއްޗެތިތާއެވެ؟
ޖަވާބުގައި އެކަމަށް އެއްބަސްވި ވަޤުތަކީ ފިރިމީހާ އައިސް ގެއަށް ވަން ވަޤުތެވެ. ގޮވާގެނެސް ކައިރީގައި ބެއިންދުމަށްފަހު އަނެއްކާވެސް ކުރިން ކުރި ސުވާލުކުރުމުން ލޯބިވެރިޔާ އެކަންކަމަށް އެއްބަސްވުމުން އަނބިމީހާ އޭނާގެ ކަރުގައި އޮތް ހާރު ޖަހައިގަތެވެ. މޭޒުމަތިން އަތްދަބަހާއި ފޯނާއި ސައިކަލް ތަޅުދަނޑި ނގަފާއި ބުންޏެވެ! "ތެދަށް ކިޔައިދިންކަމަށްޓަކައި ޝުކުރުވެރިވަމެވެ. ފިރިމީހާގެ އަތަކު އޭނާގެ އެއްވެސް ފައިސާއެއް ނުހުންނާނެއެވެ. ހުންނާނީ އަހުރެންގެ ފައިސާއެވެ. މިހުރިހާ ތަކެއްޗަކީވެސް އަހުރެންގެ ފައިސާގައި ގަނެފައިވާ ތަކެތިވީމާ މިއަތުލީއެވެ. ލޯބިވެރިޔާ ގޮވައިގެން އަވަހަށް ދާށެވެ! ފްލެޓުގެ ކުލި ދެއްކުވޭތޯ ބަލާށެވެ! ވަރިވާން މާދަމާ ފޯމުލާނަމެވެ!"
އެހެން ބުނެފައި ދެމީހުން އެކުގައި ގެއިން ބޭރުކޮށްލީއެވެ. ލޯބިވެރިޔާއަށް މިޙާލު ޖެހެން މެދުވެރިވި ސަބަބަކީ އޭނާއަށް ޤަބޫލުކުރެވިފައި އޮތީ ތަނަވަސްކަން ލިބިގެން އުޅެނީ ލޯބިވެރިޔާއަށް ކަމަށް ވިސްނުމެވެ. އެގެއަށް ދިއައީ ދެމަފިރިންގެ ދޭތެރެ ޖައްސުވާށެވެ. މިހާރު އެދެމީހުންގެ މަސައްކަތަކީ ފިރިހެނުން ފްލެޓަށް ގެންގޮސްގެން އަންހެނާގެ ހަށިވިއްކުމެވެ.
މިހުރީ ކަންކަން މިއަދު ހުރި ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެކަމަށް އުންމީދުކުރަމެވެ.
- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ