ކުށް ޤަބޫލުކޮށް އިޞްލާޙްވާން ނުވަތަ އިޞްލާޙްކުރަން މަސައްކަތްނުކުރާ ބައިވެރިއަކާއިއެކު ދިރިއުޅުމާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގައި ޢަމަލުކުރައްވަން އެންމެ ފައިދާހުރިގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ބައިވެރިޔާގެ ކިބައިން ކުށެއް ފެނިއްޖެނަމަ އެކަމެއް ކުރުން ވަޤުތުން ހުއްޓާލަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް ވަރަށް މަދުމީހަކަށް ނޫނީ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކުއްލިއަކަށް ހުރިހާ ކަމެއް އިޞްލާޙްކުރުމަކީ މަދުމީހަކަށް ނޫނީ ކުރެވޭ ކަމަކަށް ނުވާތީއެވެ.
ދެން ގިނަފަހަރަށް ކަންކަންވާގޮތަކީ ބައިވެރިޔާ އާއި ވަކިވަނީއެވެ. ނުވަތަ ބައިވެރިޔާ ދޫކޮށްލަނީއެވެ. އެކަމަކު އެއީވެސް އެންމެ ރަނގަޅު ނިންމުމުމަކަށް ނުވެއެވެ. އެއްވެސް ކުށެއް ނުކުރާނެ ހުރިހާ ކަންކަން ފުރިހަމަ ހަމައެކަކުވެސް ނުހުންނާނެތީއެވެ. ދެން ގުޅޭ ބައިވެރިޔާގެ ކިބައިންވެސް ކުށްތަކެއް ފެންނާނެތީއެވެ. ބައެއް ފަހަރު ދެވަނަ ބައިވެރިޔާގެ ކިބައިން ފެންނަ ކުށްތައް މާގިނަވެފައި މާބޮޑެތިވެސް ވެއެވެ.
އެޙާލަތުގައި ތިމާއަށް ގެނެވުނު ބަދަލަކީ ރަނގަޅު ބަދަލެއް ނޫންކަން ވިސްނި ހިތާމަކުރަންވެސް ފަށައެވެ. އަދި އެހިތާމައިގައި މުޅި ޢުމުރު ހޭދަކުރަން ޖެހޭތަންވެސް އެބަފެނެއެވެ. ވީމާ އެކަމުން އެނގެނީ ބައިވެރިޔާގެ ކިބައިން ކުށެއް ފެންނައިރަށް ކައިވެނި ރޫޅައިލުމަކީ އެންމެ ފައިދާހުރި ގޮތް ނޫންކަމެވެ.
މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކުރެވޭ ކުށް ޤަބޫލުކޮށް އިޞްލާޙްވާން ބޭނުންވާކަން ބައިވެރިޔާގެ ޢަމަލުތަކުން ދައްކާނަމަ އޭނާއަށް ފުރުޞަތު ދިނުމެވެ. ނަމަވެސް އޭނާ ބުނެލާ ބަހަކަށް ނޫނެވެ. ޢަމަލުތަކުން އެކަން ދައްކައިދޭނަމައެވެ.
ޢަމަލުތަކުން އެކަން ދައްކައި ނުދޭނަމަ އެއިގެ މާނައަކީ އޭނާއަކީ އެކަން އިޞްލާޙްކުރަން ބޭނުންވާ މީހެއް ނޫންކަމެވެ. އެހެންކަމަށް ވެއްޖެނަމަ އެމީހަކާއި އަވަހަށް ދުރުވުމަކީ އެންމެ ރަނގަޅުގޮތެވެ. ނޫންނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ!
ތިބާގެ ދިރިއުޅުމަކީ އަނެކާ ބޭނުންވާހައި ގޮތަކަށް މޮޑެން ދީފައި އޮތް ކްލޭގަނޑަކަށް ހަދައިފިނަމަ ދުވަހަކުވެސް އެކަމުން ސަލާމަތްނުވާނެތީއެވެ!
- އަލަފް / މިއަދުނޫސް