މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުޞަތު، އެ ކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އިތުރުކޮށްފިއެވެ. މި ބަދަލާ އެކު، ކުރިން 16 ޖުލައި 2026އަށް ހަމަވާން އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026ގެ 14:00އާ ހަމައަށް އިތުރުކޮށްފައެވެ.
މިދިޔަ މޭ މަހުގެ 17ވަނަ ދުވަހު ހުޅުވާލި މި ސްކޮލަރޝިޕު ޕުރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް (ލެވެލް 9)އާއި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތެކެވެ. މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މި ޕުރޮގުރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 40 ފުރުޞަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް 5 ފުރުޞަތު އަދި އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ފުރުޞަތު ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، އިޢުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާނެ ޚާއްޞަ ޕުރޮޕޯސަލު ޓެމްޕްލޭޓު ޒަކާތު ހައުސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި ސުންގަޑި އިތުރުކުރުމުގެ މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމެވެ. އެހެންކަމުން، 16 އޮގަސްޓު 2026ގެ 14:00ގެ ކުރިން [email protected]އަށް އީމެއިލު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.