ތަނަވަސް ފިރިމީހާގެ ކިބައިން އަނިޔާއާ ހިތްދަތިކަން ލިބެމުން އައި އަންހެނަކަށް އެހުރިހާ ކަމަކުން ސަލާމަތްވެވި އުފާވެރިކަމާ ތަނަވަސްކަން މާބޮޑަށް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 2ސ
ތަނަވަސް ފިރިމީހާގެ ކިބައިން އަނިޔާއާ ހިތްދަތިކަން ލިބެމުން އައި އަންހެނަކަށް އެހުރިހާ ކަމަކުން ސަލާމަތްވެވި އުފާވެރިކަމާ ތަނަވަސްކަން މާބޮޑަށް ލިބުނު ގޮތުގެ ވާހަކަ-

މިޙާދިސާ މިގެނެސްދެނީ ފިރިމީހާގެ ކިބައިން ހިތްދަތިކަމާ އަނިޔާލިބުން ހައްދުފަހަނައަޅައި ދިއުމުންވެސް ވަކިވެއްޖެނަމަ ލިބިދާނެ ދެރައަށް ބަލައި އަނިޔާ ލިބެން އިންދައި މާޔޫސްބަލި ޖެހޭ އަންހެނުންނަށް ޢިބްރަތަކަށެވެ. އަގުހުރި ފިލާވަޅަކަށެވެ.  

އިންސާނާގެ ހުރިހާ އެއްޗަކީވެސް އޭނާގެ ހިތެވެ! ޙަޤީޤީ މުއްސަނދިކަމަކީ ފައިސާގެ ތަނަވަސްކަމެއް ނޫނެވެ. ހިތުގެ މުއްސަނދިކަމެވެ. އެހެންވެ މިލިއަނަރުގެ އަންތބަކަށް އިނދެ އޭނާގެ ގެއިން ނުކުމެގެންދިއައިރު އެންމެ ކުޑަމިނުން އެވަޤުތު ލައިގެން ހުރި ހެދުމުގެ އިތުރުން ހެދުމެއްވެސް ނުގެންދެއެވެ.  

އޭނާ ﷲ ތަޢާލާއަށް އަދާކުރި ކިޔަމަންތެރިކަމާއި ދައްކައިދިން ކެތްތެރިކަމުގެ ބަދަލެއްގެ ގޮތުން މިލިއަނަރުންގެ ތެރޭގައި ހިމެނޭ އޭނާގެ ފިރިމީހާއަށްވުރެ ބޮޑު ތަނަވަސްކަމެއް އޭނާއަށް ލިބުނެވެ. ތިރީގައި އެވަނީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާނެ ވާހަކައެކެވެ. ވާހަކަވިދާޅުވެލައްވާށެވެ!  

އެހެން މީހުން ފަދައިން އަހަރެންވެސް ކައިވެނިކުރީ އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްގެންނެވެ. ނަމަވެސް އެ އުފާވެރިކަން ލިބުނީ ދާދި މަދު ދުވަސްކޮޅަކުއެވެ. ދެން ކުރިމަތިވާން ފެށީ ދުވަހަކުވެސް އެކަންކަން މެދުވެރިވެދާނެ ކަމަށް ދުވަހަކުވެސް އިޙްޞާޞްވެސް ނުކުރެވޭ ކަންތައްތަކެކެވެ.

ފިރިމީހާގެ ކިބައިން ލޯބި ނުލިބޭތަނުގައި އެކުވެރިކަމެއްވެސް ނުލިބެއެވެ. އަޅައިލުން ނުލިބޭ ތަނުގައި ލިބެނީ އަނިޔާއެވެ. އަޑު އަހަން ޖެހެނީ ހަރުކަށި ބަސްތަކެވެ. ކުރެވޭ އަމުރުތަކުގެ އަޑެވެ. ދޭ އިންޒާރުތައް އެހައި ވަރުގަދައެވެ.  

ކިތަންމެހައިވެސް ދެރަވިއެވެ. ރޮމުން ގޮސް ގިސްލެވުމަކީ ޢާންމުކަމަކަސްވިއެވެ. ކަރުނައިން ހެދުމުގެ މޭމަތި ފޯވުމަކީ އަބަދުވެސް ހަމަ މެދުވެރިވަމުން އަންނަ ކަމަކަށްވިއެވެ.

މިހާލުގައި 2، 3 އަހަރު ފާއިތުވެގެން ދިއުމުން އެއްބަނޑު އެއްބަފާ ބޭބެ އާއި މަޝްވަރާކޮށްލީމެވެ. އެއީ ކައިވެނި ރޫޅާލައިފިނަމަ ބަލަން ހުރި މީހަކީ ބޭބެ ކަމަށްވާތީއެވެ. ބޭބެ ވަރަށް ހިތްވަރު ދިނެވެ. އަދި އަހަރެން ނިންމާ ކޮންމެ ނިންމުމަކަށް މަރުޙަބާ ކިޔާނެ ކަމަށާއި ކޮންމެ ވަގުތަކު އެނބުރި ގެއަށް ދިއަ ނަމަވެސް މަރުޙަބާ ކިޔާނެ ކަމަށް ބުންޏެވެ.  

ދެންވެސް ވަރިއަކަށް ނޭދެމެވެ. ފިރިމީހާ ފެންނައިރަށް ހުންނަނީ އޭނާ ކިޔާނެ އެއްޗެއްސަށާއި ކުރާނެ ކަންކަމަށް ތައްޔާރުވެގެންނެވެ. ވީމާ "ހެންޑްލްކުރަން" މާބޮޑުކަމަކަށް ނުވެއެވެ. އަހަރެން ވިސްނީ މިގޮތަށެވެ. "ދުނިޔޭގައި މިހުރިހާ ފިރިހެނުން ތިއްބައި މީނާ އާއި ކައިވެނިކުރަން އަހަރެން ނިންމީ އަމިއްލައަށް ނޫން ހެއްޔެވެ؟ އަހަރެން އެއްވެސް އިތުރު ކުށެއް ނުކުރަމެވެ. އަދި ފާފައެއްވެސް ނުކުރަމެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ވާޖިބުތައްވެސް މިގެންދަނީ ހަމަ އަދާކުރަމުންނެވެ. ވީމާ ފާއިތުވަމުން މިދަނީ ހަމަ އިމްތިޙާނުގެ ދުވަސްތަކެކެވެ. ފާސްވޭތޯ ހިތްވަރުކުރާނީއެވެ."  

އެފަދަ ގޮތަކަށް ދިރިއުޅެމުން ދަނިކޮށް 5 އަހަރު ފާއިތުވެއްޖެއެވެ. ދުވަހަކުވެސް ނުރުހުމުގެ ބަހެއްވެސް ނުބުނަމެވެ. ނަމަވެސް އެއްދުވަހަކު ކުރިކަމަކުން ސުވާލެއް ކޮށްލީމެވެ. އެއީ ރޭގަނޑު ކާން އިނދެފައި ފިރިމީހާ ހިލޭ އަންހެނަކާއި ގުޅުން ހިންގާ ވީޑިއޯއެއް އޭނާގެ ފޯނުން ދެއްކުމުންނެވެ. އެ ރޭ ސުވާލެއް ކޮށްލީމެވެ. "ތިއަކަން ކަލޭ ކުރީމާ ފާފަވެރިވާނީ އަހަރެންތޯއެވެ؟"  

އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ ދުވަހަކުވެސް އަހަރެން ނުކުރާ ކަމެއް ކުރީތީއެވެ. އޭނާގެ ކުރިމަތީގައި އެވަރުގެ ވެސް ބަހެއް ބުނުމުންނެވެ. އެވަގުތު އޭނާއަށް ވީގޮތް ބުނެދޭންވެސް ނުއެނގުނެވެ. އަތުގައި އޮތް ބަތް ސުވާ އަނގައަށް ލާންވެސް ނުއެނގިފައި އަހަރެންނާއި ދިމާއަށް ބަލަން އިނީއެވެ.  

އެހެން އިންދައި ތެދުވެގެން އަހަރެން ދިއައީ ކޮޓަރިއަށެވެ. ގޮސް މޫނު ދޮވެލައި ހަދައިގެން އައިސް ބުނީމެވެ. "ޒުވާބު ނުކޮށް އެންމެ ކަމެއް ކޮށްލައިދީފާނަން ހެއްޔެވެ؟ މިހައި ތަނަށް ދުވަހަކުވެސް ކަމަކު ނުކިޔަމެއް ނޫން ހެއްޔެވެ؟ ވީމާ މިކަން ކޮށްލައިދޭނެ ކަމަށް ހީކުރަމެވެ." 

އެއީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީމެވެ. "ވަރަށް ގިނަ ކަންތައްތަކަށް ކެތްތެރިވެއްޖައިމެވެ. 5 އަހަރު އަނިޔާގައި ކެތްކޮށްފީމެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ނަމަވެސް މިހާރު ބޭނުންވަނީ ވަރިވާށެވެ! މާބޮޑު ކަމަކަށް ނުހަދައި ޞުލްޙައިގައި ވަރިކޮށްލައިދޭށެވެ! ކަލޭގެ މުއްސަނދިކަމުން އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. ލައިގެން މިހިރަ ހެދުން ނޫން އެއްވެސް އެއްޗެއް ވެސް ބޭނުމެއް ނޫނެވެ. ދިން ލިޔުމެއްގައި ސޮއިކުރާނަމެވެ. އިނގިލީގެ ނިޝާންވެސް ޖަހައިދޭނަމެވެ."  

ޖަވާބު ނުދީ ލަސްކުރަން ފެށުމުން ބޭބެއަށް ފޯނުކުރީމެވެ. އަދި ގެއަށް ގޮސްލަން ބޭނުންވެއްޖެ ކަމަށާއި ހަމަ މިހާރު ބަލައި އައިސް ދިނުމަށް ވެސް އެދުނީމެވެ. އެގޮތަށް ބޭބެ ގާތު އެދުނީ ރޭގަނޑުގެ އެވަގުތުގައި އަންހެނަކު އެކަނި މަގުމަތީގައި ހިނގާފައި ދިއުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ނުވާތީއެވެ. ބޭބެއަކީ އަހަރެންގެ ޝަރުޢީ ބަލަދުވެރިޔާ ކަމަށްވާތީއެވެ.  

ފިރިމީހާ އެއްވެސް ޖަވާބެއް ނުދިނެވެ. ޖަވާބު ހޯދަން އިތުރަށް މަސައްކަތެއްވެސް ނުކުރަމެވެ. ބޭބެ އައިކަން އެނގުމުން ގެއިން ނުކުމެގެން ދިއައީއެވެ. ކާރަށް އެރުމަށްފަހު ހުރިހާ ވާހަކަތަކެއް ބޭބެއަށް ކިޔައިދިނީމެވެ. ބޭބެ ދިން ހަމަ އެކަނި ޖަވާބަކީ ކޮއްކޮ ނިންމާނީ ހަމަ ރަނގަޅަށް ކަމަށެވެ.  

ބޭބެ އަހަރެން ގޮވައިގެން ފުރަތަމަވެސް ދިއައީ ޝޮޕިންގމޯލަކަށެވެ. އަހަރެންނަށް އެވަގުތު ބޭނުން ހުރިހާ އެއްޗެއް ބޭބެ ގަނެދިނެވެ.  

ޖެހިގެން އައި ދުވަހެވެ. ހެނދުނު ސައިބޯން އިނދެފައި ބޭބެ ބުންޏެވެ. "ގޭގައި ގަނޑުވެފައި އިންނާނެ ކަމެއް ނެތެވެ. ފެންވަރައި ރީތިވެގެން ބޭބެއާއިއެކު ބޭބެގެ ކުޑަކުދިންގެ ހެދުން އުފައްދާ ކާރުޚާނާއަށް ހިނގާށެވެ! އަދި މިއަދުން ފެށިގެން އެތަނަކީ ކޮއްކޮގެ އަމިއްލަ ތަނެއްގެ ގޮތުގައި ބަލައިގެން ހިންގާށެވެ!  

ބޭބެ ބަސް ޤަބޫލުކުރީމެވެ. ދިރިއުޅެން އަމިއްލައަށް މަސައްކަތްކުރަން ފެށީމެވެ. ފިރިމީހާ ކޮބައިތޯވެސް ނުބަލަމެވެ. ވަރިކޮށްފިންތޯ ވެސް ސުވާލެއް ނުކުރަމެވެ. އެގޮތަށް އުޅޭތާ މަހެއްހައި ދުވަސްފަހުން ބޭބެގެ ގާތުން މައުލޫމާތު އޮޅުން ފިލުވައިގެން އައިސް އަހަރެންނާއި ބައްދަލުކޮށް މާފަށް އެދުނެވެ. އަހަރެން ބުނީމެވެ. "ކަލޭ ކުރި ހުރިހާ ކަމަކަށް ކަލެއަށް މާފުކޮށްފީމެވެ. އެއްވެސް ރުޅިވެރިކަމެއްވެސް ނެތެވެ. ނަމަވެސް ދެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ތިއަ ހަށިގަނޑަކު ނުބީހޭނަމެވެ. ތިއައީ ﷲ ތަޢާލާގެ ދީނަށް ބަލައިފިނަމަ ހަޑިމުޑުދާރު ނަޖިސް ހަށިގަނޑެކެވެ. މިލިއަނުން ފައިސާ ދިން ނަމަވެސް ބަރުދަނަށް ރަން ދިނަސް ތިއަ ހަށިގަނޑުން ދެން އަހަރެންނަށް ކުނިވަސް ނުދުވާނެ ގޮތެއް ނުހެދޭނެއެވެ."  

އޭނާ ތަކުރާރުކޮށް އެދުމުންވެސް އެ ނޫން އެއްވެސް ޖަވާބެއް ނުދެމެވެ. އަދި ނުވެސް ދޭނެ ކަމަށްވެސް ބުނަމުން ގެންދިއައިމެވެ. އަދި ބުނީމެވެ. "ޒިމްބާބްވޭ ޢާންމު ގޮތެއްގައި ފަޤީރު ޤައުމަކަށްވެފައި އަންހެނުންނަކީ ހިތެއް ނެތް ރޮބޮޓް ތަކެއް ކަމަށް ކަލޭ ކަހަލަ މުއްސަނދި ފިރިހެނުން ޤަބޫލުކުރި ނަމަވެސް ﷲ ތަޢާލާ އަހަރެމެންވެސް އުފައްދަވާފައިވަނީ ފިރިހެނުންނާއި ތަފާތު މައުދަނަކުން ނޫނެވެ. ހިތުގެ ބަދަލުގައި ހަށިގަނޑުގައިވަނީ ހަރު ހިލަބުރިއެއް ވެސް ނޫނެވެ."  

ދެން އޭނާ ބޭނުންވީ އޭނާ އާއިއެކު އަންނަ އަހަރު ހައްޖަށް ދިއުމަށެވެ. އަހަރެންނަށް ކުރި އަނިޔާތަކަށް ބަދަލެއްގެ ގޮތުން ކަމަށްވެސް ބުންޏެވެ. އަދި ހައްޖުން އެނބުރި އައިސް ވަރިކޮށްދޭނެ ކަމަށާއި އޭނާގެ ތަނަވަސްކަމުން ބައެއް ދޭނެ ކަމަށްވެސް ބުންޏެވެ. "ޖަވާބުގައި އަހަރެން ބުނީމެވެ. އަހަރެން ބޭބެމެން ދެމަފިރިންނާއިއެކު މިއަހަރު އިރާދަކުރެއްވިއްޔާ ޙައްޖަށް އެބަދަމެވެ. ކަލޭގެ ތަނަވަސްކަމުން ބައިޑޮލަރުވެސް ބޭނުމެއް ނޫނެވެ. އަހަރެންނަށް ހެޔޮކަމެއް ކޮށްދޭނެ ނަމަ ކޮށްދޭންވީ ހަމައެކަނި ކަމަކީ އަހަރެން މިނިވަންކޮށްދިނުމެވެ. ވަރިކޮށްދިނުމެވެ."  

އަނެއް ދުވަހު އޭނާ އަހަރެން ވަރިކުރިއެވެ. ވަރީގެ ލިޔުމާއިއެކު 2 މިލިއަން ޑޮލަރުގެ ޗެކެއްވެސް ފޮނުވިއެވެ. އަހަރެން އެދުނީ ޗެކް އަނބުރާ ގެންގޮސްދިނުމަށެވެ. ނުހިފިނަމަ އޭނާއަށް ފައިދާކުރާނެ ގޮތަށް ކޮންމެވެސް މިސްކިތަކަށް ހަދިޔާ ކުރުމަށެވެ.  

އެއިރު އަހަރެންގެ އުމުރަކީ އެންމެ 27 އަހަރެވެ. މިއަދު އަހަރެންގެ އުމުރަކީ 35 އަހަރެވެ. މާތް ﷲގެ ވާގިފުޅާއިއެކު ތަނަވަސްކަމުގައި ކުރީގައި މިހުރީ އަހަރެންނެވެ. އޭނާއަށްވުރެ އަހަރެންގެ މިހާރުގެ ފިރިމީހާގެ ތަނަވަސްކަން ވެސް މާބޮޑެވެ. ފިރިމީހާ އަހަރެން ގެންގުޅެނީ އުރާލައިގެންނެވެ. ލޯބިލޯބި 4 ދަރިން އެބަތިއްބެވެ.  

އަހަރެންނާއި ބޭބެ ޙަވާލުކުރި ފެކްޓަރީ އަކީވެސް މިހާރު މިލިއަނުން ވިޔަފާރިކުރާ ކުންފުންޏެކެވެ. އަހަރެންގެ ބޭނުންތަކަށް ފުދި އިތުރުވެއެވެ. ޞަދަޤާތް ކުރެވެއެވެ. ވީމާ ފިރިމީހާގެ މުއްސަނދިކަމާއިމެދު ވިސްނަން ނުވެސް ޖެހެއެވެ. އަލަތު ފިރިމީހާ ޢާއިއެކު އުޅުނު އިރުވެސް އޭނާގެ ކިބައިން ދުވަހަކުވެސް އެންމެ ޑޮލަރަކަށް ވެސް އެދިފައެއް ނުވާނެއެވެ. އަހަރެން އުންމީދުކުރީ އޭނާ ވައުދުވިފަދައިން އޭނާގެ ލޯތްބަށެވެ. އެކަންވެސް ނުވީއެވެ. އެކަން ނުވިއިރުވެސް ފައިސާއަކަށް ނުއެދެމެވެ. މިއަދު އަހަރެންގެ ފިރިމީހާގެ ލޯބި އިންތިހާއަށް ލިބެމުންދާއިރު އިތުރު އެއްވެސް ކަމަކަށް އެދެންވީ ކީއްކުރަން ހެއްޔެވެ؟  

އަހަރެންނަކަށް ނުއެނގެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހަރެން އުންމީދުކުރަނީ މިހުރިހާ ނިޢްމަތްތަކަކީވެސް ﷲ ތަޢާލާ ކުރިމަތި ކުރެއްވެވި އިމްތިޙާނުން ފާސްވާން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ވީކެތްތެރިކަމަށް ދުނިޔޭގައި ވެސް ދެއްވެވި ނިޢްމަތްތައް ކަމަށެވެ. އުންމީދުކުރަނީ އަހަރެންގެ ޑައިރީން އަނިޔާވެރި، ނަޖިސް އަމަލުކުރާ ފިރިހެނުންނަށާއި ހުރިހާ އަންހެނުންނަށް ޢިބްރަތެއް ލިބޭނެ ކަމަށެވެ.  

މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ.

 

- ޢިބްރަތްތެރި ވާހަކަ -

މިއަދު އޮންލައިން